ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯތި ވިއްކުމަށެވެ.

އޭގެ ތެރެއިން މާދަމާ ބީލަމަށް ހުށަހެޅުން އޮންނާނީ ބީޗް ފްރަންޓްސައިޑުގެ ގޯތިތަކަށެެވެ. ބީޗް ފްރަންޓްގެ ގޯތިތަކުގެ ބީލަން ކުރިއަށް ގެންގޮސްފައި ވަނީ މިިދިޔަ ބުދަ ދުވަހުއެވެ.

އެޗްޑީސީން ބުނީ ބީލަން ފޯމު ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 12:00 އަށް ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ މާދަމާ މެންދުރު 13:00 ގައި، ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައެވެ.

ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށާއި ބީލަމަށް ހާޒިރުވާ މީހުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބިޑް ހުށަހަޅާ މީހާގެ ބަދަލުގައި އެހެން މީހެއް ބީލަން ފޯމު ހުށަހަޅަން ދާނަމަ ޕަވާ އޮފް އެޓާނީ ގެންދިއުމަށް އެޗްޑީސީން ވަނީ ހަނދާންކޮށްދީފައެވެ.

އެޗްޑީސީން ބުނީ، ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާނީ 320،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން ބުނީ މިފަހަރު ބިން ގަންނަން ހުޅުވާލި ފުރުސަތުގައި އަލަށް ބިން ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނުވާ މީހުންނަށް ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.