ކާބުލް (މާޗް 13) : މިދިޔަ އާދީއްތަދުވަހު އެމެރިކާ ސިފައިންގެ މީހަކު އަފްޣާން އާންމުންނާ ދެކޮޅަށް ހިންގި ޤަތްލުޢާންމަށް ވޭންދެނިވި ގޮތެއްގައި ބަދަލުހިފާނެކަމުގެ ކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން ދީފިއެވެ.

ތާލިބާނުންގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި "އެމެރިކާގެ ކާފަރު ބާބޭރިޔަން ސިފައިން އަފްޣާންބިން އިސްތިޢްމާރު ކުރުމަށްފަހު ބަޑިހިފައިގެން ރައްޔިތުންގެ ގެދޮރަށްވަދެ ހަތިޔާރުނެތް މަޢްސޫމް އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންގެ ގަޔަށް ހިތުހުރިގޮތަކަށް ބަޑިޖަހައި މެހިމާބުރުހެން އެމީހުން މަރައި ޤަތްލުޢާންމުތައް ހިންގަމުން ގެންދާއިރު އަނބިދަރިންނާއި ޤައުމާ އަދި ދީނުގެ ދިފާޢުގައި ޖިހާދުކުރުމަކީ އަފްޣާން ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމް ކަމެއް" ކަމުގައެވެ.

މިދިޔަ އާދީއްތަދުވަހު އެމެރިކާ ސިފައިންގެ މީހަކު ބަޑިހިފައިގެން ކަންދަހާރުގެ ގެތަކަށްވަދެ ހިންގާފައިވާ މިޤަތްލު ޢާންމުގައި 17 މީހަކު މަރާލާފައިވާއިރު މީގެތެރޭގައި 7 ތުއްތު ކުދިންނާއި 5 އަންހެނުން ހިމެނޭކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެއެވެ. މިޤަތްލު އާންމު ހިންގާފައިވަނީ އެމެރިކާ ސިފައިންގެ އެތަށްބަޔަކު މިކަމުގެ ފަހަތުގައިތިބެ އެމީހާއަށް ވާގިވެރިވެގެން ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ.

މިބިރުވެރި ޤަތްލުއާންމުގެ ސަބަބުން މުޅި އަފްޣާނިސްތާނަށްވަނީ ސިހުން ލިބިފައެވެ. ރައީސް ޙާމިދު ކަރުޒާއިވަނީ މިއީ ކުށެއްނެތް އަފްޣާން ރައްޔިތުންނާ ދެކޮޅަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި އެމެރިކާ ސިފައިން ގަސްދުގައި ހިންގި ނާޒީ ސްޓައިލްގެ ޤަތްލުޢާންމެއް ކަމަށް ސިފަކުރައްވާފައެވެ.

އެމެރިކާ ބުނެފައިވަނީ މިއީ އެމެރިކާ ސިފައިންގެ މީހަކު ފަރުދީގޮތުން ހިންގި ޢަމަލެއް ކަމަށާއި މިކަމާއި އެމެރިކާ ސިފައިންނާ ގުޅުމެއްނެތް ކަމުގައެވެ. އަފްޣާން ޕާލަމެންޓުންވަނީ މިޤަތްލުއާންމު ހިންގި އެމެރިކާ ސިފައިންގެ މީހާގެ މައްޗަށް އަފްޣާން ޚާއްސަ ކޯޓަކުން ޝަރީއަތް ހިންގުމަށް ގޮވާލާފައެވެ.

މިޤަތްލު އާންމު ހިންގުމަށްޓަކައި އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރު ޕްރޮވިންސްގެ ޕާންޖުވާއި ގެތަކަށް އެމެރިކާ ސިފައިންގެ އެތަށްބަޔަކު ވަންކަމަށާއި ބަޑިހިފައިގެންތިބި އެމެރިކާ ސިފައިން އަފްޣާން އަންހެނުންނަށް ބަޑިން ޙަމަލާދީ އެމީހުން މެރުމުގެ ކުރިން ބައެއް އަންހެނުންގެ ހެދުން ގަދަކަމުންބާލައި ޖިންސީގޮތުން ބައެއްއަންހެނުންނަށް ގޯނާކޮށްފައިވާކަމަށްވެސް މަންޒަރުދުށްމީހުން ބުނެފައިވެއެވެ. މިޤަތްލު އާންމުގައި މަރާލި 17 މީހުންގެ ތެރެއިން ހައެއްކަމީހުންގެ ހަށިތަކުގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށް ޚަބަރުލިބެއެވެ.

މިޤަތްލު އާންމު ހިންގުމުގެ ދުވަސްކޮޅެއް ކުރިން އެމެރިކާ ސިފައިންގެ ބަޔަކުވަނީ އަފްޣާނިސްތާނުގައި ކީރިތި ޤުރްއާން އަންދައި އިސްލާމް ދީނަށް އިހާނާތްކޮށް އަފްޣާން ރައްޔިތުންނަށާއި މުސްލިމުންނަށް ޖެއްސުންކުރުމުގެ މުޑުދާރު ނާތަހުޒީބު ޢަމަލުތަކެއްވެސް ހިންގާފައެވެ.

މިއީ، އެމެރިކާ ސިފައިންގެތެރޭގައި ހިމެނޭ މުސްލިމުންނާ ޢަދާވާތްތެރި، ޔަހޫދީ ވިސްނުމުގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މުސްލިމުން ރުޅިއެރުވުމަށާއި މުސްލިމުން ނިކަމެތި ކުރުމަށާއި އިސްލާމް ދީނަށް އިހާނާތް ކުރުމަށް ދުރާލާ ރާވައިގެން ހިންގަމުން ގެންދާ ސިލްސިލާ ޖަރީމާތަކުގެ ތެރޭގައިހިމެނޭ ޖަރީމާއެއްކަމަށްވެސް އަފްޣާން އާންމުން ސިފަކުރެއެވެ.

ޤަތްލު އާންމު ހިންގި އެމެރިކާ ސިފައިން މީހާ ވަގުތީ ގޮތުން ހައްޔަރުކޮށްފައިވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ މައްޗަށް ޝަރީޢަތް ހިންގާނެކަން ނުވަތަނޫންކަން އެމެރިކާއިން އަދި ހާމަކޮށްފައެއްނުވެއެވެ.

އަފްޣާނިސްތާނުގެ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް މިބާވަތުގެ އެތަށް ޤަތްލު އާންމުތަކެއް ފާއިތުވި 10 ވަރަކަށް އަހަރުތެރޭގައި އެމެރިކާސިފައިން ހިންގާފައިވާއިރު މިފަދަ ޖަރީމާތައް ހިންގި އެމެރިކާސިފައިންގެ އެއްވެސް މީހަކަށް މާބޮޑު އަދަބެއް ދެވިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް