ޕާކިސްތާން ސަރުކާރުގެ 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީގައި މ. މުލީގައި ގާއިމުކުރާ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މުލީގައި އޮތް ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތުހަރު މުޚްތާރާއި، މ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ޑެޕިއުޓީ ހައި ކަމިޝަނަރު ޒުލްޤަރްނަައިން އަޙްމަދާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު، އަދި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވަނީ އެ ސެންޓަރު ބިނާ ކުރުމަށް ބޭނުންވާ 2.6 މިލިއަން ރުފިޔާ މުލީ ކައުންސިލުގެ ރައީސާ ހަވާލުކުރައްވާފައެވެ.

ސަފީރު ވިދާޅުވީ އެ ސެންޓަރަކީ ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މެދުގައި އެބަހުރި ބައިވަރު އެއްގޮތް ކަންތައްތަކެއް. އަޅުގަނޑުމެންގެ ގުޅުން ބިނާ ވަނީ އެއް އަގީދާއެއްގެ މައްޗަށް، އިތުބާރާއި، އިހުތިރާމުގެ މައްޗަށް،" ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީ ފޯރުކޮށްދީފައިވާ ކަމާއި، އޭގެ ތެރޭގައި ސިއްހަތާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ހިމެނޭކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

އެ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވީ އެ މަރުކަޒުން ގިނަ ބޭނުންތަކެއް ހިފޭނެކަމަށެވެ. އެގޮތުން، އެރަށަށް ބޭސްފަރުވާއަށްދާ މީހުން ވަގުތީގޮތުން ތިބޭނެ ތަނެއްގެ ގޮތުގަޔާއި، އިޖުތިމާއީ އެއްވުންތަކާއި، އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ނަސީރާއި، އިކްރާމް ވަނީ މި ހަދިޔާއަށްޓަކައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.