15 Feb 2022, 09:51
ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާއިރު ޔޫކްރެއިންގައި ތިބި ދިވެހިން ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ޔޫކްރެއިންގައި ތައުލީމު ހާސިލު ކުރުމަށާއި އެހެން ބޭނުންތަކަށް އެގައުމުގައި 50 ދިވެހިން ދިރިއުޅެމުންދެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.
"އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އިއްޔެ ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވަނީ ރަޝިއާއިން މާދަމާގެ ވަގުތެއްގައި އެގައުމަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ރައީސްގެ ތަރުޖަމާނަކު ވަނީ ޒެލެންސްކީ އެހެން ވިދާޅުވީ މީޑިއާ ރިޕޯޓުތަކާ ހަވާލާދީ ކަމަށް ވިދާޅުވެފައެވެ.
ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވާން ފެށީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.
ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ، އެ ގައުމުގެ ސްޓޭންޑަކީ ޔޫކްރޭނުން ނޭޓޯއާ ނުގުޅުން ކަމަށެވެ. ނަމަވެސް ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ ނޭޓޯގައި ބައިވެރިވާނެކަމަށް ވިދާޅުވެފައެވެ.
ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވެ، ހަނގުރާމައަކަށް ދިއުމުގެ ބިރު އޮތީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.
ޔޫކްރޭނުގައި ހުރި އެމެރިކާގެ އެމްބަސީވެސް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގައުމުގައި ތިބި އެމެރިކާ ރައްޔިތުންނާއި، އެހެނިހެން ގައުމުތަކުގެ ރައްޔިތުން ވެސް އެގައުމު ދޫކޮށް ދިޔުމަށް އެމެރިކާއިން ވަނީ އިލްތިމާސްކޮށްފައެވެ.