15 Feb 2022, 09:06
މާލެ ސަރަހައްދުގެ ސްކޫލު ތަކުގައި، ހަތްފާގެ ހުރިހާ ދުވަހުވެސް ކުދިން ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވއިދޭން ފަށައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން، މިދިޔަ މަހު ޓާމް ފެށުނުއިރު، މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި ކިޔަވައިދިނީ މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށެވެ.
އޭރު މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ، ޓައިމްޓޭބަލް ރާވާއިރު އެކަމަށް ސަމާޅުވާން ސްކޫލްތަކަށް އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަަލަކު "ސަން" އަށް ވިދާޅުވީ، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި މި ހަފްތާއިން ފެށިގެން ކިޔަވައިދެނީ، ހުރިހާ ދުވަހަކު ހާޒިރުވެގެން ކަމަށެވެ.
ނަމަވެސް، އެ ސްކޫލެއްގެ ސެޝަންތައް ކަނޑައަޅާނީ، ގައިޑްލައިންއާ އެއްގޮތަށް، އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށާއި މާސްކު ނަގައިގެން ހިންގަން ޖެހޭ ހުރިހާ ހަރަކާތެއް ވެސް ކުރިއަށް ނުގެންދަން މީގެ ކުރިން ސްކޫލުތަކަށް އަންގާފައިވެއެވެ.
ކުރިއެކޭވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ޖެނުއަރީ މަހު 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުނު އިރު، މާލެ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސްކޫލުތަގެއްގައި ކިޔަވައިދޭން ފަށާފައި ވަނީ، ސްކޫލަށް ހާޒިރު ކޮށްގެންނެވެ.