މާދަމާ (ބުދަ ދުވަހު)ގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭނެކަމަށް ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ބުދަ ދުވަހުގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭނެކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

"ބުދަ ދުވަހަކީ ރަޝިއާއިން ހަމަލާދޭނެ ދުވަސް. އެ ދުވަސް ހަދާނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކަށް" ޒެލެންސްކީ ވިދާޅުވި އެވެ.

މީގެއިތުރުން ޒެލެންސްކީ ވަނީ ޔޫކްރޭން ރައްޔިތުންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭނެކަމަށް ބުނެފައެވެ.

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވާން ފެށީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.

ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ، އެ ގައުމުގެ ސްޓޭންޑަކީ ޔޫކްރޭނުން ނޭޓޯ އާ ނުގުޅުން ކަމަށެވެ. ނަމަވެސް ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ ނޭޓޯގައި ބައިވެރިވާނެކަމަށް ވިދާޅުވެފައެވެ.

ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވެ، ހަނގުރާމައަކަށް ދިއުމުގެ ބިރު އޮތީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި 1 ލައްކައަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.

ޔޫކްރޭނުގައި ހުރި އެމެރިކާގެ އެމްބަސީވެސް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގައުމުގައި ތިބި އެމެރިކާ ރައްޔިތުންނާއި، އެހެނިހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ވަނީ އަންގާފައެވެ.