ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ލަސްވާތީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ)އާއި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.

ނިހާދު ވިދާޅުވީ އެ މަސައްކަތް ވިހާވެސް އަވަހަށް ނިންމައި ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރަން ޖެހޭ ކަމަށާއި، އެ މަައްސަލައާ ގުޅުންހުރި ކަންކަން ބަލައި ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ އެ ދެ ކުންފުނީގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފައެވެ.

ފުލުހުންނަށް ހާސަކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. އަދި ސިފްކޯއިން ސިފައިންގެ ފްލެޓުތައް އެޅަން ފެށީ 2013 ވަނަ އަހަރުގައެވެ.

މީގެ އިތުރުން، ފުލުހުންގެ ފްލެޓުތައް ނިންމުމުގެ ގޮތުން ޕްލޮކޯ އިން ވަނީ އަމީން ކޮންސްޓްރަކްޝަނަށް 247 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ.

މިދިޔަ ނުވަ އަހަރު ތެރޭގައި ސިފްކޯ އަދި ޕްލޮކޯ ކުންފުނިން މަޝްރޫއުގެ ކޮންޓްރެކްޓަރު ދެ ފަހަރެއްގެ މަތިން ވަނީ ބަދަލުވެފައެވެ.