14 Feb 2022, 23:45
ހަހާސް ގަސް އިންދުމަށް އަމާޒު ހިފައި މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައި ފަށައިފއެވެ.
މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއާ އަހްމަދު ސަލީމެވެ. އެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ޝަރަފްވެރިމެހުމާން މެމްބަރު އަހުމަދު ސަލީމާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފައެވެ.
އެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްޓެލްކޯފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ހަސަން މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އަމާޒަކީ މިއަދު ސްޓެލްކޯ ގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ތެރެއިން: އެ ޕްރޮގްރާމް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒައްތެރި މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއާ އަހްމަދު ސަލީމް
ރަށްފެހި ޕްރޮގްރާމަކީ ރައީސް ޞާލިހްގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާ ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. އެގޮތުން ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ ސްޓެލްކޯއިން މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ހަތަރުވަނަ އަހަރެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވާއިރު، 2020 ވަނަ އަހަރު 3000 ގަސް އަދި 2021 ވަނަ އަހަރު 5000 ގަސް އިންދާފައިވެއެވެ.