ޣައްޒާ ސިޓީ (މާޗް 13) : ހަތަރު ދުވަސްވަންދެން ޣައްޒާއަށް ޙަމަލާދީ ފަލަސްތީނުގެ 25 މީހަކު ޝަހީދުކޮށްލައި ގިނަޢަދަދެއްގެ ޢިމާރާތްތައް ފުނޑުފުނޑުކޮށްލުމަށްފަހު އިސްރާއީލުގެ ޢުދުވާން މަޑުޖައްސާލައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

މިސްރުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ޢުދުވާނީ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިސްރާއީލުންވަނީ އެއްބަސްވެފައެވެ. ޙަމަލާތައް ހުއްޓާލުން ފެށޭނީ ރޭފަތިހުން ފެށިގެން ކަމަށާއި އިސްރާއީލުން މިކަމަށް އެއްބަސްވީ މިސްރުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަކާ ގުޅިގެން ކަމަށް މިސްރުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ނަމަވެސް ޙަމަލާތައް ހުއްޓާލިކަން އިސްރާއީލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުން ޣައްޒާއަށް އެއްގަމާއި ވައިގެ މަގުން ޙަމަލާދީ ޢުދުވާން ހިންގަންފެށީ އިސްރާއީލަށް ޙަމަލާދިނުމަށް ބަޔަކު ރާވަމުންދާ ކަމަށްބުނެ ސަބަބުތަކެއް ދެއްކުމަށްފަހުގައެވެ.

ހޮނިހިރުދުވަހުގެ ޙަމަލާތަކުގައި އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 12 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އެއަށްފަހު ފާއިތުވި ތިންދުވަހުވެސް ޢަސްކަރީ މަތިންދާބޯޓުތަކުންނާއި ޓޭންކާއި މޯޓަރު ބަޑިފަދަ ބަރުހަތިޔާރުން ޣައްޒާސިޓީގެ ބައިބޯ ސަރަޙައްދުތަކަށާއި ޣައްޒާގެ އެކިސަރަޙައްދުން ދުއްވާފައިދިޔަ ކާރުތަކަށާއި ވެހިކަލްތަކަށާއި ޢާންމުންގެ ގެދޮރަށާއި ސަރުކާރުގެ އިދާރާތަކަށާއި ވޯކްޝޮޕްފަދަ ތަންތަނަށް އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ.

މިޙަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ޖިހާދުގެ ޙަރަކާތްތައް ހިންގާ ޕީޕަލްސް ރެސިސްޓެންސް ކޮމިޓީތަކުގެ ސެކްރެޓަރީ ޖެނެރަލް ޒުހައިރުލްޤައިސީއާއި ގިނަޢަދަދެއްގެ ފިދައީންވެސް ހިމެނެއެވެ.

މިޢުދުވާނުގެ ރައްދުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސްވަނީ ގިނަޢަދަދެއްގެ ރޮކެޓް ޙަމަލާތައް އިސްރާއީލަށްދީފައެވެ. މިޙަމަލާތަކުގައި އިސްރާއީލަށް ލިބުނުގެއްލުންތައް އަދި އެނގިފައެއްނުވެއެވެ. ނަމަވެސް މުޖާހިދުންގެ ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ 30 މީހަކު ޒަޚަމްވެފައިވާއިރު މީގެތެރެއިން ބައެއްމީހުންގެ ޙާލަތު ސީރިޔަސްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ