14 Feb 2022, 19:31
ހިޔާ ފްލެޓްގައި މަސައްކަތްކުރާ އަންހެން ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓާ ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނީގެ ސެކިއުރިޓީ އޮފިސަރަކަށް މިއަދު މެންދުރު 1:15ގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ މުވައްޒަފަށް ވަގުތުން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދެވި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށް އެ ކުންފުނިން ބުންޏެވެ.
އެހާދިސާ ހިނގީ އެވަގުތު މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ މީހެއް ހުއްޓުވަން މަސައްކަތް ކުރުމުން ކަމަށް ސެކިއުރިޓީ އޮފިސަރު ކަމާބެހޭ ފަރާތްތަކަށް މައުލޫމާތުދިން ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ހާދިސާ ހިނގާފައިވަނީ އެވަގުތު މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ ފަރާތެއް ހުއްޓުވަން މަސައްކަތްކުރުމުންނެވެ. އަދި، މިކަންކޮށްފައިވަނީ ހިޔާގެ މި ޓަވަރުން އާންމުކޮށް ނުފެންނަ ފަރާތެއްކަމަށް ސެކިއުރިޓީ އޮފިސަރުވަނީ ކަމާބެހޭ ފަރާތްތަކަށް މައުލުމާތު ދީފައެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީފައިވާކަމުގެ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.