ސިޔާސީ ދަހިވެތިކަމުގައި ނުކުމެ، "އިންޑިއާ އައުޓް" ގޮވުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއީ އިންޑިއާއެކު ގުޅުން ބޭއްވުމަކީ އެއަށްވުރެ، ރާއްޖެއަށް މުހިއްމު ގައުމެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ނެންގެވުމަކަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖެއާއި އިންޑިއާ ދެމެގުގައި އޮތް ގުޅުން ހީނަރު ކޮށްލުމަށްފަހު، ސިޔާސީ މަންފާއެއް ހޯދުގެ ބޭނުމުގައި ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ނަމަވެސް ވަރަށް ގިނަ ކަންތައްތަކަކީ އަޅުގަނޑުމެން ލޮބީ ކޮށްގެން ހޯދާ އެއްޗެހި. މިސާލަކަށް ކޮންސްޓްރަކްޝަނަށް ދޭ ކޯޓާއަކީ އިންޑިއާގައި ބޭރު ކުރުން މަނާ ކޮށްފައި އޮތް އެއްޗެއް. ނަމަވެސް ގާތް ގުޅުމެއް އޮތީމަ އަޅުގަނޑުމެންނަށް ކޮންޓިނިއު ކުރެވޭ އެއްޗެހިތަކެއް އެބަހުރޭ،" ފައްޔާޒް ވިދާޅުވިއެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާއިމެދުގައި ވަރަށް ހާއްސަ ގޮތްތަކެއް ގެންގުޅެމުން އަންނަ އަދި އެހާމެ އެކުވެރި ގައުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އިންޑިއާއިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ބާވަތްތައް ވެސް ވަކި ހާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ދެމުން އަންނަ ކަމަށެވެ.

"މީގެ ތެރޭގައި އަޅުގަނޑު ފާހަގަ ކޮށްލާނަން މިސާލަކަށް ބިސް، އަލުވި ފިޔާ، ހަނޑޫ، ފުށް، މުގު އަދި ހަކުރު. މިއީ ދިވެހީން ކެއުންބުއިމުގައި އެންމެ ގިނައިން ބޭނުންކުރާ ތަކެތި. މި ތަކެތި ތެރޭގައި ތިން އަހަރު ކުރިއަށް އަޅުގަނޑުމެންނަށް އެބައޮވޭ ކޯޓާއެއް ދީފައި. އެގޮތުން އަޅުގަނޑުމެންގެ ގައުމަށް ބޭނުންވާ ވަރަށް މި ތަކެތި ލިބިފައި މި ހުންނަނީ،" ފައްޔާޒް ވިދާޅުވިއެވެ.

"ދުރުން މި އެއްޗެހި ގެންނަ ކަމަށް ވަންޏާމުން ގެނެވިދާނެ ކަންނޭނގެ. ނަމަވެސް އަޅުގަނޑުމެންގެ އަތްފޯރާ ފަށުގައި ގިނަ ފަހަރަށް މި އެއްޗެހި ނުހުރުން ގާތީ،"

ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ހިލަޔާ ހިލަވެލި ފަދަ ތަކެއްޗަކީ ދުނިޔެއިން ހޯދަން އުނދަގޫ ތަކެތިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަކެތި ވެސް ދުރު ގައުމު ތަކުން ގެންނަ ނަމަ ކޮންސްޓްރަކްޝަންގެ އަގު އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ.

"އިންޑިއާއިން ބޭރު ކުރުން ހުއްޓާލާފައި އޮންނައިރުވެސް އިންޑިއާ އާއި އަޅުގަނޑުމެންނާ އޮތް ގުޅުމުގެ ދަށުން އޮވޭ ކޯޓާތަކެއް ދީފައި. މިގޮތުން ސްޓޯން އެގްރިގޭޓްސްއަށް އަށްސަތޭކަ މެޓްރިކް ޓަނުގެ ކޯޓާއެއް އެބަ އޮވޭ ދީފައި. ހަމަ އެއާއެކު ރިވާ ސޭންޑުގެ ވެސް އަށް ލައްކަ މެޓްރިކް ޓަނުގެ ކޯޓާއެއް ދީފައި އެބައޮވޭ،" ފައްޔާޒް ވިދާޅުވިއެވެ.

"މި ތަކެއްޗަކީ އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީއަށް ވެސް އަދި އިގްތިސޯދަށް ވެސް ވަރަށް މުހިއްމު ކަންކަން،"

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަންނަނީ އިންޑިއާއިން ކަމަށާއި އެގޮތުން މިދިޔަ އަހަރުވެސް ދެ ލައްކަ ސާޅީސް ހާސް ފަތުރުވެރިން އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމުގައި ވެސް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަރުވެރިން އަދާ ކުރީ މުހިއްމު ރޯލެއް ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ޓޫރިޒަމް ފުޅާ ކުރަމުން އަންނައިރު އިންޑިއާއަކީ ވަރަށް މުހިއްމު ސިގްނިފިކަންޓް މާކެޓެއް،"

މިނިސްޓަރު ފައްޔާޒުގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރު ކުރުމަށްފަހު ސުވާލުކޮށްފައެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ދިނުމަށް އެދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.