ރަޝިއާއާއި ޔޫކްރޭނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ގެނައުމުގެ މަޝްވަރާތަކަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ރަޝިއާއަށް ވަޑައިގެން، ކޮވިޑް-19 ޕީސީއާރު ޓެސްޓް ހެއްދުމަށް އިންކާރުކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މެކްރޮން އެކަމާ ދެކޮޅު ހެއްދެވީ ރަޝިއާއިން އޭނަގެ ޑީއެންއޭ ވަގަށް ނަގައިފާނެކަމުގެ ބިރު ހީވުމުންނެވެ.

ޕީސީއާރު ޓެސްޓު ހަދައިގެން މެކްރޯން އަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއެކު ގައިދުރުނުކޮށް ބައްދަލުވުން ބޭއްވޭނެކަމަށް ރަޝިއާއިން ބުންޏެވެ. ނަމަވެސް ޕީސީއާރު ނުހަދާނަމަ ހަތަރު މީޓަރު ދިގު މޭޒެއްގައި ތިބެގެން މަޝްވަރާތައް ކުރެވޭނެކަމަށް ރަޝިއާއިން ބުނިކަމަށް ފްރާންސްގެ އޮފިޝަލަކު ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ޕީސީއާރު ނުހެދުމުން ޖެހޭނީ ދުރުދުރުގައި ތިބެގެން ބައްދަލުވުން ކުރިއަށް ގެންދާންކަން. ނަމަވެސް މެކްރޯންގެ ޑީއެންއޭ ރަޝިއާއަށް ދިނުމަށްވުރެ އެކަން ރައްކާތެރި،" ފްރާންސްގެ އޮފިޝަލަކު ބުންޏެވެ.

ފްރާންސުން ފުރާވަޑައިގަތުމުގެ ކުރިން މެކްރޯން ވަނީ ކޮވިޑް ޕީސީއާރު ޓެސްޓެއް ހައްދަވާފައެވެ. އަދި ރަޝިއާއަށް ދުރުވެ، ކޮވިޑް އެންޓިޖެން ޓެސްޓެއްވެސް ހެއްދެވިކަމަށް ފްރާންސުން ވަނީ ބުނެފައެވެ.