14 Feb 2022, 15:59
އދ. މަޖިލިސް (14 ޖަނަވަރީ 2022) : ލީބިޔާގައި ސުލްހަ އާއި އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި ޕާލަމެންޓްރީ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބޭއްވުމަށް އދ.އިން ކުރި މަސައްކަތް ނާކާމިޔާބުވެ ލީބިޔާގައި އަނެއްކާވެސް އިތުރު ސަރުކާރެއް އުފެދުމުން ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ލީބިޔާގައި އިންތިޚާބުތައް ބޭއްވުމަށް އދ.އިން ގޮވާލައިފިއެވެ.
އދ. އިން ލީބިޔާއަށް ކަނޑައަޅައިފައިވާ ޚާއްސަ މަންދޫބު ސެޓަފިނީ ވިލިއަމްސް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބުތައް ނުބޭއްވުމުން ލީބިޔާގެ މަސްރަހު ގޯސްވެފައިވާ ކަމުގައެވެ. މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުންވެސް އިތުރަށް މައްސަލަ ގޯސްނުވާނެ ގޮތްތަކަކަށް ޢަމަލުކުރަން ޖެހޭކަމަށާއި ވީހާވެސް އަވަހަށް މިނިވަން އިންސާފުވެރި ގޮތެއްގައި ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު ބޭއްވުމަށް ލީބިޔާގެ ކަމާބެހޭ ފަރާތްތަކަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ލީބިޔާގައި ސުލްހަ އާއި އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި އދ. އިން ކުރި މަސައްކަތްތަކުގެ ދަށުން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅު ޕާލަމެންޓްރީ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އިންތިޚާބެއް ބާއްވައިގެން ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާނެ ޝަރުއީ ރައީސަކާއި ޕާލަމެންޓެއް ހޮވައިފިނަމަ މިހާރު އިންތިޚާބަކާނުލައި ލީބިޔާގައި ވެރިކަންކުރާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންނަށް އެފުރުސަތު ގެއްލޭނެތީ އެފަރާތްތަކުގެ ބާރާއި ނުފޫޒުން އެކިއެކި ހުއްޖަތްތައް ދައްކައިގެން އިންތިޚާބު ބޭއްވުމުގެ ފުރުސަތުވަނީ ނުދީފައެވެ.
އެދެ އިންތިޚާބު ބޭއްވުމަށް އދ. އިން ހަމަޖެއްސީ އދ. ގެ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ލީބިޔާގައި އެކުލަވާލި އިންތިގާލީ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އިންތިޚާބުތައް ބޭއްވޭގޮތް ނުވުމުން ލިބިޔާގެ މުއްދަތު ހަމަވެފައިވާ ޕާލަމެންޓުންވަނީ އިންތިގާލީ ސަރުކާރުގެ މުއްދަތު ނިމުނީ ކަމަށް ބުނެ އައު ބޮޑުވަޒީރެއްގެ ދަށުން އައު ސަރުކާރެއް އެކުލަވާލުމަށް ނިންމާފައެވެ. އައު ސަރުކާރުގެ ބޮޑުވަޒީރަކަށް ހަމަޖެއްސީ ލީބިޔާގެ ކުރީގެ ދާޚިލީ ވަޒީރެއްކަމަށްވާ ފަތުހީ ބާޝާޣާ އެވެ.
ނަމަވެސް އދ. ގެ ބެލުމުގެ ދަށުން އުފައްދާފައިވާ އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލްހަމީދު އައްދަބީބާ ވަނީ އިންތިޚާބުތައް ބޭއްވެންދެން އޭނާގެ ސަރުކާރު ދެމިއޮންނާނެކަމަށާ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.
ދަބީބާ މިގޮތަށް ނިންމެވި ނަމަވެސް އާ ވާދަވެރި ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކާ އަދި މުއްދަތު ހަމަވެފައިވާ ލީބިޔާގެ ޕާލަމެންޓުން ބުނަނީ ދަބީބާގެ ސަރުކާރުގެ ޝަރުއިއްޔަތު މިހިސާބުން ނިމުނީ ކަމަށާ ދެން އިންތިޚާބު ބާއްވަންޖެހޭނީ އިންތިގާލީ އައު ސަރުކާރެއްގެ ބެލުމުގެ ދަށުންކަމުގައެވެ. މިއާއެކު ލީބިޔާގެ މަސްރަހުވަނީ އަނެއްކާވެސް ހަލަބޮލިވެ ދާޚިލި ކޯޅުންތަކަކަށް މަގުފަހިވެފައެވެ.
އަވަހަށް އިންތިޚާބުތައް ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން މަންދޫބު ސެޓަފިނީ ވިލިއަމްސް ވަނީ ލީބިޔާގެ މިދެ ސަރުކާރުގެ ބޮޑުވަޒީރުންނާ އިއްޔެ ޓްރިޕޮލީގައި ވަކިވަކިން ބައްދަލުކުރައްވައި ހުރިހާ ފަރާތްތަކަކުންވެސް އިތުރަށް މައްސަލަ ގޯސްނުވާނެ ގޮތްތަކަކަށް ޢަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ވީހާވެސް އަވަހަށް މިނިވަން އިންސާފުވެރި ގޮތެއްގައި ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު ބޭއްވުމަށް މަސައްކަތް ކޮށްދިނުމަށް އެދެބޭފުޅުންގެ އަރިހުން އޭނާ އެދިވަޑައިގެންނެވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ފަތްހީ ބާޝާޣާގެ ޒައާމަތުގައި އައު ސަރުކާރެއް އުފައްދަން ލީބިޔާގެ މުއްދަތު ހަމަވެފައިވާ ޕާލަމެންޓުން ނިންމީ މިސްރާއި ޔޫއޭއީ އަދި ފަރަންސޭސިވިލާތުގެ މަދަދު ލިބޭ ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ކަލީފާ ހަފްތަރަށް ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައެވެ. ދަބީބާގެ ސަރުކާރުންވަނީ ހަފްތަރަކީ ލީބިޔާގެ އެތަށް ހާސްބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅަކަށްވާތީ އޭނާއަށް އެ ފުރުސަތު ދިނުމަށް މިދިޔަ އަހަރު ދެކޮޅު ހަދާފައެވެ.