14 Feb 2022, 14:48
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އެންމެ އިސްވެރިއަކަށް ހުންނެވީ ކަސްތޮޅު އެޅުވިގެން ކަމަށާއި މިހާރު ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަންކަން އެބައޮތް ކަމަށް މީގެ ހަތް އަހަރާ ހަތް މަސް ކުރިން އެ އާތިފް ޝަކޫރު ވިދާޅުވެއްޖެެއެވެ.
އާތިފް އެވާހަކަތައް ހިއްސާ ކުރެއްވީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.
އާތިފް ޝަކޫރު ވާހަކަ ފައްޓަވަމުން ވިދާޅުވީ, އެކަހަލަ ތަނެއްގައި (ޝަރީއަތުގެ މަޖިލީހެއްގައި) ހުއްޓި ހުރެ ވާހަކަ ދައްކާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އެހެން ކަމުން އުނދަގޫ ކަމެއް ހުރެދާނެ ކަމަށެވެ.
އެކަމަށް މައާފަށް އެދެމުން މާސްކު ނެންގެވުމަށްފަހު އާތިފް ވިދާޅުވީ, އެ މަގާމުގައި ހަތް މަހާއި 22 ދުވަސް ހޭދަކުރުމަށްފަހު އިސްތިއުފާ ދެއްވީ ގާނޫނީ ޒިންމާ އަދާކުރާނެ ޖާގައެއް ނެތުމުން ކަމަށެވެ.
އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ.
އެކަމަށް ރައްދު ދެއްވައި އާތިފް ވިދާޅުވީ, އެ މުއާމަލާތް ހިނގި އިރު އޭނާ ހުންނެވީ ޗުއްޓީގައި ރަށުން ބޭރުގައި ކަމަށެވެ. ބައިވެރިވާން ގޮސް ހުންނެވީ, މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ތަމްރީން ޕްރޮގްރާމެއްގައެވެ.
ޗުއްޓީއަށް ފަހު ރާއްޖެ ވަޑައިގެން، ބެލި ބެލުމުން އެކަން ފާހަގަވުމުން ގަވަރުނަރުގެ ސަމާލުކަމަށް ގެނައި ކަމަށް ވެސް އާތިފް ވިދާޅުވިއެވެ. އެއީ ވަޒީފާގެ ބަޔާނުން ވެސް އޭނާއަށް މަތިކޮށްފައިވަނީ އެކަހަލަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ ގަވަރުނަރަށް އެންގުމަށް ބުނެފައިވާތީ ކަމަށް އާތިފް ވިދާޅުވިއެވެ.
"މައްސަލަ ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެމްއެމްއޭގެ ގަވަރުނަރަށް އެކަން އެންގިން. ލިޔުމުން ރިޕޯޓް ކުރިން," އާތިފް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ, މަގާމުގެ މައްސޫލިއްޔަތު އަދާކުރުމުގެ ސަބަބުން އޭނާގެ ނަފްސަށް ގެއްލުންވުން ނޫން އިތުރު ކަމެއް ވާން އޮތްތަން ނުފެންނަ ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ކުރީގެ އޮޑިޓަރު ޖެނަރަލް ނިޔާޒް އިބްރާހިމްއެވެ.
އާތިފްއާ ޖެހިގެން އެއް ގޮނޑި ދޫކުރައްވައި އިންނެވި އޭނާގެ ކޮއްކޮ އަދި ދިފާއީ ވަކީލް އާޒިމާ ޝަކޫރު ކޮންމެވެސް އެއްޗެއް މަޑުމަޑުން ވިދާާޅުވުމުން, އާތިފް ވަނީ ވަކީލް ހަނދާން ކޮށްދެއްވިފަދައިން ދިފާއީ ހެއްކެއްގެ ގޮތުގައި ނިޔާޒުގެ ނަން ހުށަހަޅުއްވާފައިވާ ކަން ފާހަގަކުރައްވާފައެވެ.
އޮޑިޓާ ޖެނަރަލްގެ ހައިސިއްޔަތުން ނިޔާޒް އިބްރާހިމް އޭނާގެ ޒިންމާ އަދާކުރެއްވުމުން ވަޒީފާ ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުނު ކަން އާތިފް ފާހަގަކުރެއްވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އާތިފް ޝަކޫރު ވަނީ މީގެ ކުރިން ނުދައްކަވާ ބައެއް ވާހަކަތައް ވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 40 މިލިއަނުން 50 މިލިއަނުން ފައިސާ ބަހަމުން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެފައިސާ ނިކުންނަ އެކައުންޓްތަކާއި ވަންނަ އެކައުންޓްތައް ވެސް ފެންނަން ހުންނަ ކަމަށް ވިދާޅުވިއެވެ. އެކަން އޭނާއަށް ފާހަގަވީ މަގާމާ ހަވާލުވި ފަހުން އޭގެ ކުރިން ހިންގާފައި ހުރި ޓްރާންސްސެކްޝަންތައް ދިރާސާކުރަމުން ދިއުމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
އެ ޖަރީމަތައް ހިންގުމުގައި ބޭންކްތަކާއި ދައުލަތުގެ އިދާރާތައް ހުރީ ގުޅިފައިކަމަށް އާތިފް ވަނީ ތުހުމަތުކުރައްވާފައެވެ.
މަގާމުން އިސްތިއުފާ ދިނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަށް އެކަންތައްތައް ހުއްޓުވުމުގެ ބާރު ނެތުން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ. އެކަން އޭނާއަށް ޔަގީންވުމުން މަގާމާ އިއްޒަތް ދޫކޮށްލުމަށްފަހު ވަޑައިގެންނެވީ ކަމަށް އާތިފް ވިދާޅުވިއެވެ.
ހުންނެވީ ބިރުވެރިކަމެއްގައި ކަސްތޮޅު އެޅުވިފައި:
ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެނގުނު ނަމަވެސް އެކަން ނުހުއްޓުވި ވަނީ ބާރުހުރި ފަރާތްތަކެއްގެ ނުފޫޒާ ބިރު ދެއްކުންތަކުގެ ސަބަބުުން ކަމަށް އާތިފް ތުހުމަތުކުރެއްވިއެވެ. މިއަދު އެވާހަކަތައް ކިޔައިދެއްވާއިރު ހުންނެވީ މިނިވަންކަންމަތީގައިކަން ފާހަގަކޮށް އާތިފް ވިދާޅުވީ, މިހާރު އެއްވެސް ވާހަކައެއް ދެއްކުމަށް ހުރަހެއް ނެތް ކަމަށެވެ.
"އެދެވަހު [މިދިޔަ ވެރިކަމުގައި] ވަޒީރުންނާއި ހައި ޕްރޮފައިލް ލޯޔަރުން ތިއްބެވީ ކަސްތޮޅު އެޅުވިފައި," އާތިފް ވިދާޅުވިއެވެ.
އެ މަގާމުން އޭނާ އިސްތިއުފާ ދިން ނަމަވެސް އެއްވެސް ކަމެއް ބަދަލުވެގެން ގޮސްފައިނުވާކަން ފާހަގަކޮށް ވަރަށް ޔަގީންކަމާ އެކު އާތިފް ވިދާޅުވީ, އޭގެ ފަހުން ވެސް މަނީ ލޯންޑަރިންގެ އަމަލުތައް ދިޔައީ ހިންގަމުން ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.