"އިންޑިއާ އައުޓް" ކެމްޕޭނާ ބެހޭ ގޮތުން، ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ އެމްބަސީތަކުން ވެސް ކަންބޮޑުވުން ފާޅުކުރާކަމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ ވިދާޅުވީ ވަކި ގައުމަކަށް އަމާޒުވާ ގޮތަށް ކެމްޕޭނެއް ހިންގާތީ، އެކަމާ ކަންބޮޑުވަނީ އިންޑިއާއިން އެކަންޏެއް ނޫންކަމަށެވެ.

"ރާއްޖޭގައި އެމްބަސީ ހުރި އެހެން ގައުމުތަކުން ވެސް އަޅުގަނޑުމެންނަށް ކޮންސާންސް ރެއިޒްކޮށްފަ (ކަންބޮޑުވުން ފާޅުކޮށްފަ) އެބަހުރި. އަދި އެބޭފުޅުންގެ އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށް އެދިފަ އެބަހުރި،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މިއަދު އޮތް އެކޮމެޓީގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލާއި، ޖޮއިންޓް ސެކްރެޓަރީ ޢަބްދުލްވާރިސް ސައީދު ބައިވެރިވެ ވަޑައިގަތެވެ.

އެބޭފުޅުން ވެސް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖޭގައި ތިބޭ ޑިޕްލޮމެޓުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އެފަދަ ހަރަކާތެއް ހިންގުމަކީ އެހެން ގައުމުތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"އިންޑިއާ އަކީ މިސަރަހައްދުގައި، އިގްސާދީ ގޮތުން ވެސް އަދި މިލިޓަރީ ގޮތުން ވެސް އަދި ޕޮލިޓިކަލީ ވެސް އެންމެ ބާރުގަދަ ގައުމު ކަމަށް ވާތީ، ރާއްޖެއަށް ދިމާވާ ކަންތައްތައް ކުރުމަށް އެހެން ގައުމުތަކުން މި އެދެނީ ވެސް އިންޑިއާ ކައިރީގައި،" ޚަލީލް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލުން 241 ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން އެ ކޮމިޓީން ކުރަމުންދާ ދިރާސާއެއްގެ ތެރެއިންނެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ފެށި ދިރާސާއެކެވެ.