13 Mar 2012, 11:58
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުރި ބޮޑެތި މައްސަލަތަކެއް ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމުން އެކަމަށް އަމަލީ ސިފަ އައިސްފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފި އެވެ.
ހިޔާގައި ތިބޭ ކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭތޯ ބެލުމަށް މިދިޔަ އަހަރު އެޗްއާރްސީއެމުން ކުރި މަސް ދުވަހުގެ ދިރާސާއަކަށް ފަހު، އެތަނުން ފާހަގަ ކުރެވުނު 31 ކަމެއް ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ވެސް އެކަންތަކުގެ ތެރެއިން ގިނަ ކަންތަތަކަށް ތަންފީޒު ކުރެވިވާނުވާ ކަމަށް އެޗްއާރްސީއެމުން އިއްޔެ އާންމު ކުރި 109 ސަފްހާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން ތަންފީޒު ކުރެވިފައި ވަނީ އެންމެ ތިން ޕަސެންޓް ހުށަހެޅުން ކަމަށް ވެސް ބުނެފައިވެ އެވެ.
ހިޔާގައި ހުރި މައްސަލަތަކުގެ ތެރޭގައި ތުއްތު ދަރިނާއި ފުރާވަރުގެ އުމުރުގެ ކުދިން ބެލުމަށް ތިބޭ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން މިހާރު ތިބި މުވައްޒަފުންނަށް ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވެ އެވެ. އަދި މުވައްޒަފުން އިތުރުކުރުމަށް ވެސް އެޗްއާރްސީއެމުން އެދިފައިވެ އެވެ. ހިޔާގައި ތިބި ކުދިންނަށް ހިދުމަތް ފޯރުކޯށްދޭ މުވައްޒަފުންނަކީ އެކަމަށް ގާބިލް ތަޖުރިބާ ލިބިފައިވާ ތަމްރީނު ހޯދާފައިވާ ބަޔަކަށް ހެދުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ކުދިންގެ މެޑިކަލް ރެކޯޑްތައް ގަވާއިދުން ފުރިހަމަކޮށް ފައިލްކުރުމާއި ކުދިންނަށް ބޭސް ދެވޭނެގޮތުގެ ތަފްސީލް ގަވާއިދުން ރެކޯޑްކުރުމަށް ހުށަހަޅައިފައި ވެސް ވެ އެވެ.
ރާއްޖޭގައި ކުޑަކުދިން ބަލަހައްޓާ މަޒުކަރު ތަކުގައި މަދުވެގެން ހުންނަވްނާނެ މިންގަނޑުތަކުގެ ގަވާއިދުގެ ޑްރާޕްޓްގައިވާ ގޮތުގެ މަތިން ބޭނުން ކުރާނެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާއލައި އެފަދަތަކެއްޗަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށް ވެސް އެޗްއާރްސީއެމުން ހުށަހެޅުމުން އެކަމަށް އިޖާބައެއް ދެވިފައެއް ނުވެ އެވެ.
އިންސާނީ ހައްގުތަކަށް ދިވެހިންނަށް ލިއްބައިދިނުމަށް މިދިޔަ އަހަރު އެޗްއާރްސީއެމުން ކުރި މަސަކަތްތައް ބަޔާކޮށް، އަދި ހައްގުލިބުމަށް ހުރި ހުސްރަތްތަކާއި އެކަމަށް އިޖާބަނުދީވާ މުއައްސަސާތަކުގެ ނަން ފާހަނގަކޮށްފައިވާ ރިޕޯޓް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އިއްޔެއިން ފެށިގެން އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ.