ރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ފެނުނު އަލިގުޅައަކީ އިންޑިއާއިން ލޯންޗުކުރި ރޮކެޓެއްކަން ހާމަވެއްޖެ އެވެ.

ދުނިޔެ ބެލުމަށް ޚާއްސަ ސެޓެލައިޓެއް އޯބިޓަށްލުމަށްޓަކައި އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ލޯންޗުކުރި ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް އަކީ މި އަހަރު އެ އޯގަނައިޒޭޝަނުން ކުރިއަށް ގެންދިޔަ ފުރަތަމަ މިޝަނެވެ.

މިކަން އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުންވެސް ވަނީ ޔަގީންކޮށްދީފައެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ލޯންޗުކުރި މި ރޮކެޓުގެ އަލި ރާއްޖޭގެ ބައެއް ހިސާބުތަކަށް ފެނުމާއެކު އާންމުން ވަނީ މީސް މީޑިއާގައި ވީޑިއޯތައް ހިއްސާކޮށްފައެވެ.

މި ރޮކެޓުގެ އަލި މާލެ ސަރަހައްދަށްވެސް ފެނުނެވެ. އަދި ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށްވެސް ފެނުނުކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނަކީ އިންޑިއާއިން ޖައްވު ދިރާސާކުރުމަށް ޚާއްސަ އޯގަނައިޒޭޝަނެކެވެ. މި އޯގަނައިޒޭޝަނުން ވަނީ ޖައްވީ އެކިއެކި މިޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.