މެދުއިރުމަތީގެ ޔަހޫދީ ދައުލަތްކަމަށްވާ އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޢުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

މުޙައްމަދު އަބޫ ޞަލާޙް ނަމަކަށް ކިޔާ މި ކުއްޖާ ޝަހީދުކޮށްލާފައިވާކަން ފަލަސްޠީނުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި އިޒްރޭލުގެ މީހަކު މަރައިލި މުޙައްމަދު ޖަރަދާތު ނަމަކަށް ކިޔާ މީހެއްގެ ގެ ތަޅާލުމަށް އިޒްރޭލުގެ ސިފައިން އިއްޔެ އެ ސަރަހައްދަށް ދިޔައެވެ. އަދި އެ ސަރަހައްދަށް އިޒްރޭލު ސިފައިން ވަނުމުން ފަލަސްޠީނުގެ ރައްޔިތުން ވަނީ ސިފައިންނާ ދެކޮޅަށް ބަޑިޖަހަން ފަށާފައެވެ.

މިއާއެކު ދެ ފަރާތުންވެސް ހަމަލާތައް ބަދަލުކުރަން ފެށިއެވެ. އަދި ފަލަސްޠީނުގެ 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

އިޒްރޭލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ބަދަލުކުރަން ފެށީ ފަލަސްޠީނުގެ ރައްޔިތުން ބަޑިޖަހަން ފެށުމުން ކަމަށެވެ.

އިޒްރޭލުން އަންނަނީ އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާދޭ ފަލަސްޠީން ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އެމީހުން ދިރިއުޅުނު ގެތައް ހަލާކުކުރަމުންނެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ވަނީ އިޒްރޭލުގެ މި ޖަރީމާ ކުށްވެރިކޮށްފައެވެ. އަދި އެކަކު ކުރާ ކަމެއްގެ ސަބަބުން އެމީހާގެ މުޅި އާޢިލާއިން އެކަމުގެ ބަދަލުހިފަން ނުޖެހޭނެކަމަށް ބުނެފައެވެ.