އަފްޣާން ރައްޔިތުންގެ ފާއިސާއިން 3.5 ބިލިއަން ޑޮލަރު 9/11ގެ ޝިކާރައަކަށްވި އާއިލާތަކަށް ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުރުކުރައްވައިފިއެވެ.

ބައިޑަންގެ އަމުރުގައިވާ ގޮތުން އެމެރިކާގައި ހުރި އަފްޣާން ރިޒާވްގެ ހަތް ބިލިއަން ޑޮލަރުން 3.5 ބިލިއަން ޑޮލަރު ދޭނީ 9/11ގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށެވެ. އަދި ބާކީ 3.5 ބިލިއަން ޑޮލަރު ހޭދަކުރާނީ އަފްޣާނިސްތާނުގައި އިންސާނީ އެހީ ދިނުމަށްކަމަށް އެ އަމުރުގައި ވެއެވެ.

ބައިޑަންގެ މި އަމުރުގެ ސަބަބުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި 9/11 ގެ ޝިކާރައަކަށްވި އާއިލާތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

"މިއީ އަފްޣާން ރައްޔިތުންނަށް ދިން ބޮޑު ކެއްސެއް،" 9/11 ގައި ޕެންޓަގަންގައި މަރުވި މީހެއްގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުން ނިއުޔޯކުގެ ފެޑެރަލް ރިޒާވް ބޭންކުގައި ޑިޕޮސިޓްކޮށްފައި ހުރި ހަތް ބިލިއަން ޑޮލަރުގެ ތެރޭގައި ނަގުދު ފައިސާ އާއި، ބޮންޑުތަކާއި ރަން ހިމެނެއެވެ. މި ފައިސާ ބޭނުންކުރުން އެމެރިކާގެ ފެޑެރަލް ސަރުކާރުން މީގެ ކުރިން ވަނީ މަނާކޮށްފައެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންނަކީ ޓެރަރިސްޓު ޖަމާއަތެއްކަމަށް އެމެރިކާ ސަރުކާރުން ކަނޑައަޅާފައި އޮތުމުގެ ސަބަބުން މި ފައިސާ ދިނުމުގައި ގާނޫނީ މައްސަލަތަކެއްވެސް ކުރިމަތިވެއެވެ. ތާލިބާނުން ވަނީ ބައިޑަންގެ މި ނިންމުމާ ދެކޮޅު ހަދާކަމަށްވެސް ބުނެފައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުގެ ރައީސް އަޝްރަފް ޣަނީވެސް ވަނީ ބައިޑަންގެ މި ނިންމުމާ ބެހޭ ގޮތުން ނުރުހުން ފާޅުކުރައްވާފައެވެ.

ބައިޑަން މި އަމުރުކުރައްވާފައިވަނީ އަފްޣާނިސްތާނުގައި ބަނޑުހައިހޫނުކަން އިތުރުވެ، އިންސާނީ އެހީތެރިކަމަށް ނުހަނު ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައެވެ.