14 Feb 2022, 11:37
މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ހުށަހަޅުއްވައިފިއެވެ.
އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އާތިފްގެ ފަރާތުން ވަނީ ދިފާއުގައި ހަތަރު މީހެއް ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައެވެ.
އެގޮތުން ނިޔާޒް އިބްރާހިމްގެ އިތުރުން ދެން ހުށަހަޅުއްވާފައިވަނީ, ޔަމީން އާދަމްއާއި އަހްމަދު އައްސަދު އަދި އަބްދުالله އަޝްރަފްއެވެ.
އެ ހަތަރު މީހުން ވެސް ހެކިންގެ ގޮތުގައި ހުށަހެޅުއްވީ, އެފްއައިޔޫގެ އިސްވެރިއެއްގެ ގޮތުގައި އާތިފް ހުންނެވިއިރު, އެމްއެމްޕީއާރުސީގެ ތެރެއިން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ހިންގަމުން ދިޔަކަން ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅިކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.
އެ މަގާމުން އާތިފް އިސްތިއުފާ ދެއްވާފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ, އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމާބަހޭ ފަރާތްތަކަށް ރިޕޯޓް ނުކުރި މައްސަލައިގައި ކަމަށެވެ. އެކަމުގެ ދިފާއުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ, މަގާމާ ހަވާލުވެ އޭނާއާ ހަވާލުކުރި މަސްއޫލިއްޔަތުތައް އިނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން ކަންކަން ރިޕޯޓް ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށެވެ. އެކަން ކޮށްފައިވާނެ ކަން އާތިފް ފާހަގަކުރެއްވިއެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ ވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.
އެ ޔުނިޓުގެ ޒިންމާތަކުގެ ތެރޭގައި މަނީލޯންޑްރިންގް ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތައް ހިންގަމުންގެންދާ ގޮތަށް އަންނަ ބަދަލުތަކާއި އެފަދަ ހަރަކާތްތަކާއި އަމަލުތައް ދެނެގަންނާނެ ގޮތްތަކާއި އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ދިރާސާތައް ކުރުން ހިމެނެއެވެ.