ރަޝިއާއިން އަންނަ ބުދަދުވަހު ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި ޔުކްރޭނަށް އަރައިގަންނާނެ ކަމަށް ބުނެ އެމެރިކާ އިންޒާރުތައް ދެމުން ގެންދާއިރު އެމެރިކާއާއި ނޭޓޯގައި ހިމެނޭ އެމެރިކާގެ ބައިވެރިން ޔުކްރޭނަށް ފޮނުވަމުންގެންދާ ހަތިޔާރުގެ ޝިޕްމަންޓްތައް ހުއްޓުމެއްނެތި ޔުކްރޭނަށް ދަނީ ލިބެމުންނެވެ.

ޔުކްރޭނުގެ ދިފާއީ ވުޒާރާ ބުނާގޮތުން ފާއިތުވި ހަތަރު ހަފްތާތެރޭގައި ހަތަރުހާސް ޓަނުގެ ހަތިޔާރު އެމެރިކާގެ ފަރާތުންނާއި ނޭޓޯގައި ހިމެނޭ އެމެރިކާގެ ބައިވެރިންގެ ފަރާތުން ވަނީ ލިބިފައެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ ނޭޓޯގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން ބޯލްޓިކްގެ ގައުމުތައް ކަމަށްވާ އިސްޓޯނިއާ، ލިޓުއޭނިއާ އަދި ލަޓްވިޔާ ހިމެނެއެވެ.

ބޯލްޓިކްގެ ގައުމުތަކުން ޔުކްރޭނަށް ފޮނުވަނީ އެމެރިކާއިން އެގައުމުތަކުގައި ސްޓޮކް ކޮށްފައިވާ ހަތިޔާރެވެ. މީގެތެރޭގައި ކޮނޑުމަތީގައި ބާއްވައިގެން އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލާދޭ ސްޓިންގަރ މަރުކާރުގެ ރޮކެޓް ހިމެނެއެވެ.

މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިން އަފްޣާނިސްތާނުގައި ތިބި ދުވަސްވަރު އަފްޣާން މުޖާހިދުންގެ ނަމުގައި އެމެރިކާ އުފެއްދި އަފްޣާން ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާ ފޯރުކޮށްދިން ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ. މި ރޮކެޓް ބޭނުންކޮށްގެން އަފްޣާން މުޖާހިދުން (ފަހުން އަލްގާއިދާގެ ހަނގުރާމަވެރިން) ވަނީ ސޮވިއެޓް ޔުނިޔަންގެ އަސްކަރީ ފައިޓާޖެޓް ތައް ވައްޓާލުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ނަމަވެސް އެ ދުވަސްވަރާ އަޅާބަލާއިރު މިހާރުގެ ރަޝިއާއިން ހަތިޔާރުގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާތީއާއި ރަޝިއާއިން އުފައްދާފައިވާ ފަސްވަނަ ޖީލުގެ މިގް-35 ފަދަ ޒަމާނީ ފައިޓާ ޖެޓްތައް އެރޮކެޓްތައް ބޭނުންކޮށްގެން ވައްޓާލެވިދާނެކަމާމެދު ތަޖްރިބާކާރުން ސުވާލު އުފައްދައެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން ޔުކްރޭނަށް ހަނގުރާމައިގެ ދަރު އަޅަމުން ގެންދާއިރު ރަޝިއާ ޔުކްރޭނަށް އަރައިގަންނާނެ ސުންގަޑިވެސް އިއުލާން ކޮށްފައިވަނީ އެމެރިކާއިންނެވެ. ރަޝިއާއިން ކޮންމެ ވަގުތަކުވެސް ޔުކްރޭނަށް އަރައިގަނެފާނެކަމުގެ އިންޒާރުތައް އެމެރިކާ ދޭތާ ދިހަވަރަކަށް ދުވަސްވެއްޖެއެވެ. އެއަށްފަހު މިދިޔަ ހުކުރުދުވަހު އެމެރިކާ ބުނެފައިވަނީ ރަޝިއާ ޔުކްރޭނަށް ހަމަލާދޭން ފަށާނީ އަންނަ ބުދަދުވަހު ކަމުގައެވެ.

އެމެރިކާ މިހާރުވަނީ ރަޝިއާގެ ހަމަލާތަކުގައި ދެދުވަހުގެ ތެރޭގައާ އަދި ހަފްތާއެއްގެ ތެރޭގައި ޔުކްރޭނަށް ލިބޭނެ ގެއްލުންތަކާއި މަރުވާނެ މީހުންނާއި ޒަޚަމްވާނެ މީހުންނާ އަދި ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހޭނެ މީހުންގެ އަދަދުތައްވެސް ހާމަކޮށްފައެވެ. މިއީ ގައުމަކުން ކުރަންއުޅޭ ހަނގުރާމައެއް ފަށާނެ ތާރީޚާއި އެނޫން ޙައްސާސް މައުލޫމާތު އެގައުމާ ދުޝްމަން ގައުމަކުން މިފެންވަރުގައި ހާމަކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާ ޖާސޫސީ ރިޕޯޓްތައް ހަދައިގެން ޔުކްރޭނަށް ހަނގުރާމައިގެ ބިރުދައްކާއިރު މި ރިޕޯޓްތަކުގެ ސައްހަ ކަމާމެދު ޔުކްރޭންވެސް ސުވާލު އުފައްދައެވެ. އެމެރިކާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ފާޅުގައި ޖާސޫސީ ދޮގު ރިޕޯޓްތައް ހަދައިގެން އދ. އަށް ހުށަހަޅައި އިންތިހާއަށް ދޮގުހަދާފައިވާ ގައުމެކެވެ.

ރަޝިއާގެ އިސް މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ރޭވުމެއް އަދި ޕްލޭނެއް ނެތްކަމުގައެވެ. ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިގެން ރަޝިއާގެ ސަރަހައްދި ރޮނގުގެ ކައިރިއަށް ނޭޓޯގެ ހަތިޔާރު ޖަމާކުރަން އެމެރިކާ އުޅޭތީ އެކަން ހުއްޓުވުމަށާއި ރަޝިއާގެ ގައުމީ ސަލާމަތަށް ނޭޓޯއިން ނުރައްކާ ނުކުރާނެކަމުގެ ގެރެންޓީ ހޯދުމުގެ ބޭނުމުގައި ކަމަށް ރަޝިއާގެ މަސްއޫލުވެރިން ތަކުރާރުކޮށްވަނީ ވިދާޅުވެފައެވެ.

ރަޝިއާ ވަނީ އެގައުމާ އިންވެގެންވާ އިރުމަތީ ޔޫރަޕްގެ ގައުމުތައް ނޭޓޯއަށް ވައްދައިގެން އެގައުމުތަކަށް ނޭޓޯގެ ހަތިޔާރާއި ސިފައިން ޖަމާކުރުމަށް އެމެރިކާ ކުރާ މަސައްކަތް ހުއްޓާލުމަށާ އަދި ރަޝިއާގެ ސަރަހައްދީ ރޮނގާ ކައިރިއަށް ނޭޓޯގެ ސިފައިންނާއި ހަތިޔާރު ޖަމާނުކުރާނެކަމުގެ ގެރެންޓީ ދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. ނަމަވެސް އެމެރިކާ ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.

އަސްކަރީ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ރަޝިއާގެ ބޭނުމަކީ އެގައުމު ބޭނުންވާ ސަލާމަތީ ގެރެންޓީ ލިބެންދެން ޔުކްރޭން އަސްކަރީ ފިއްތުންތަކުގެ ތެރޭގައި ބޭއްވުމެވެ. ނޫނީ ފިއްތުންތައް ބާއްވައިގެން ޔުކްރޭންގެ އެތެރޭގައި ހަމަނުޖެހުންތަކެއް ހިންގައިގެން ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ މިހާރުގެ ސަރުކާރު ބަދަލުކުރެވޭނެ މާހައުލެއް އުފެއްދުމެވެ. އެމެރިކާގެ ބޭނުމަކީ ރަޝިއާ ހަނގުރާމައެއްގެ ތެރެއަށް ވައްދައިގެން ރަޝިއާގެ އިގްތިސާދު ބަލިކޮށިކޮށްލުމެވެ.

ރަޝިޔާ ހަނގުރާމައެއްގެ ތެރެއަށް ވައްދައިފިނަމަ ރަޝިޔާއިން ޔޫރަޕަށް ފޮނުވާ ގޭސް ހޮޅި ބަންދުކުރުމުގެ ފުރުސަތު (ޔޫރަޕްގައިވާ އެމެރިކާގެ ބައިވެރިންނާ ވާހަކަ ދައްކައިގެން) އެމެރިކާއަށް ލިބޭނެއެވެ. އެފުރުސަތު ލިބިއްޖެނަމަ އެއީ ރަޝިއާގެ އިގްތިސާދުގެ މައިނާރު ބުރިކޮށްލުން ފަދަ ކަމެއްކަން އެމެރިކާއަށް އެނގެއެވެ. ރަޝިޔާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދީގެން ބޮޑު ފައިދާއެއް ހޯދުމަކީ އެމެރިކާ އަބަދުވެސް ވަރަށް ރުޅިއަންނަ ކަމެކެވެ.

އަނެއްކޮޅުން ރަޝިއާ ގެންދަނީ ގޭހުގެ އަގާއި ޖަރުމަނާއި ރަޝިއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާއަށް ބަދަލުކުރެވޭނެ މާލީ ފަސޭހަތަކެއް ގާއިމްކުރުމަށް ޖަރުމަނާއެކު ވާހަކަދައްކަމުންނެވެ. މިއީ އެމެރިކާގެ މާލީ ބާރުކަމަށްވާ ޑޮލަރުގެ ބާރު ކުޑަވެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއަށް މިހާރު ލިބިފައިވާ ބާރު މުސްތަގްބަލްގައި ހަނިވެގެންދާނެ ކަމަކަށްވާތީ މިއީ އެމެރިކާގެ ބާރާއި ނުފޫޒަށް އަމާޒުކޮށް ރަޝިއާއިން ކުރާކަމެއްކަން އެމެރިކާއަށް އެނގެއެވެ.

ރަޝިއާގެ އިތުރުން ޗައިނާވެސް ގެންދަނީ ރަޝިއާއާ ގުޅިގެން އެމެރިކާގެ ޑޮލަރު ބޭނުންނުކުރާ މާލީ ނިޒާމެއް ގާއިމްކޮށްގެން ބޭންކިންގް ދާއިރާގައި އެމެރިކާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންނެވެ.

މިއީ ހައްތާވެސް ރަޝިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އެމެރިކާ ބޭނުންވާ ސަބަބުތަކެވެ. ނަމަވެސް ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އެއްނޫނެވެ. ޕޫޓިންއަށް އެމެރިކާގެ މި ރޭވުންތައް އެނގިވަޑައިގަންނަވައެވެ. ޕޫޓިންވަނީ އެމެރިކާއިން ރަޝިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭކަމަށް ދާދިފަހުން ތުހުމަތު ކުރައްވާފައެވެ.

ސައްދާމްގެ ދުވަސްވަރު އިރާގުން ކުވައިތަށް އެރުމަށް ފެހިއަލި ދިނީ އެމެރިކާކަމާއި އެއީ އިރާގު ހަލާކުކޮށްލުމަށް އެމެރިކާ ރޭވި ރޭވުމުގެ ދަށުން ސައްދާމް ލައްވައި އޮޅުވާލުމެއްގެ ތެރެއިން އެމެރިކާ ކުރުވިކަމެއްކަމަށް ވަނީ ބެލެވިފައެވެ.