14 Feb 2022, 10:36
ރަޝިއާއިން ކޮންމެ ވަގުތަކުވެސް ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާފާނެކަމަށް ބުނެ އެމެރިކާއިން އިންޒާރު ދެމުން އަންނައިރު ޔުކްރޭންގައި މިވަގުތު 50 ދިވެހިން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ބިރުވެރި އިންޒާރުތަކާއެކު ޔޫކްރެއިންގައި ތިބި އެމެރިކާ ޑިޕްލޮމޭޓުންނާއި އާއްމުން އެ ގައުމުން ބޭލުމުގެ މަސައްކަތް އެމެރިކާއިންނާއި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ފަށައިފައެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު، މިއަދު "ސަން" އަށް ވިދާޅުވީ ދިވެހިން އުޅެމުން އަންނަނީ ޔޫކްރެއިންގެ މައިގަނޑު ދެ ސަރަހައްދެއްގައި ކަމަށެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެ މީހުންނާ މިނިސްޓްރީއާ ގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔޫކްރެއިންގެ މައްސަލަ ހޫނުވެފައި ވީނަމަވެސް އެތަނުގައި ތިބި ދިވެހިން އަމަލު ކުރަން އަދި ވަކި ހާއްސަ އިލްތިމާސެއް ނުނެރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އާދައިގެ މަތިން، ބޭރުގައި ތިބި ދިވެހިން އެ ތިބި ގައުމެއްގެ ސަރުކާރުން ދޭ އިރުޝާދުތަކަށް ކިޔަމަންވުމަށް މިދަނީ އެދެމުން،" މިއުވާން ވިދާޅުވިއެވެ.
ޔޫކްރެއިންގެ މައްސަލަ ހޫނު
ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ޔޫކްރެއިނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފެށުމުގެ އެއްވެސް ރޭވުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެގައުމުން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ހެދުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން އަތުވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ އެގައުމު ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށެވެ. އަދި އެމެރިކާގެ އިސް މަސްއޫލުވެރިންނަށްވަނީ ނަފްސާނީ ބައްޔެއްކަމަށްވާ ހިސްޓީރިއާ ޖެހިފައި ކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.
އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިން އިން ދަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ޔޫކްރެއިން އިން ބުނާ ގޮތުން ރަޝިއާއާ ކުރިމަތިލުމަށްޓަކައި ހަތަރު ލައްކަ ސިފައިން ބަރުހަތިޔާރާއެކު މިހާރު ތިބީ ތައްޔާރީ ހާލަތުގައެވެ.
ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ވަނީ ރަޝިއާއިން އެގައުމަށް އަރައިގެންފިނަމަ ރަޝިއާ ބަލިކޮށްލާނެކަމަށާއި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ފާއިތުވި ދުވަސްތަކުގައި 2،000 ޓަނުގެ ހަތިޔާރު ލިބިފައިވާކަމަށް ބުނެފައެވެ.