13 Feb 2022, 22:48
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.
އެ ދެބޭފުޅުންނަކީ މޯޓެޒާ ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނާ ޢަބްދުލް މަޖީދު އަލީއެވެ.
މިދެބޭފުޅުން ބޯޑަށް އައްޔަން ކުރައްވާފައިވަނީ މިއަދުން ފެށިގެން 3 އަހަރުގެ މުއްދަތަށެވެ.
ޣާލީ މުރުތަޟާ އަކީ ހޮސްޕިޓާލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި އައްޔަންކުރަނީ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމަށް އެކުލަވާލެވޭ ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑަކީ އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޗެއާޕާސަންގެ އިތުރުން ޕަބްލިކް ސެކްޓަރ ތަމްސީލް ކުރާ ތިން މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ ހަތަރު މެންބަރުންނެވެ.