13 Feb 2022, 23:19
ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ދެވިދާނެ ރަށެއްތޯ ބެލުމަށް މަޖިލީހުގެ ކޮމިޓީއަކުން ދިރާސާ ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ ވިދާޅުވީ އެކަން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަމަށެވެ.
އޭނާ ވިދާޅުވީ ތިނަދޫގެ އާބާދީއަކީ 8،000 މީހުން ކަމުގައި ވިޔަސް އެރަށުގައި 12،000 މީހުން ދިރިއުޅޭ ކަމަށެވެ.
"މިރަށުގައި މިހާރު 12،000 އަށްވުރެ ގިނަ މީހުން އެބައުޅޭ. ރަށުގައި މިވަގުތު އުޅޭ މީހުންގެ ސީދާ ޖުމްލަ އަދަދު ބެލުމަށް ކައުންސިލުން ބޯހިމެނުމުގެ މަސައްކަތެއް ކުރިއަށް އެބަގެންދަން،" ނަސްރުﷲ ވިދާޅުވިއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ އެރަށެއްގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު 10،000އަށް އެރުމުންނެވެ. އެރަށު ކައުންސިލުން ބޭނުންވަނީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބުމަށެވެ.
"ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ވަނީ މިރަށް ސިޓީއަކަށް ބަދަލުކުރެވޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައި،" ނަސްރުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޓިއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ތިނަދޫން މިހާރުވެސް ލިބޭކަމަށެވެ. އެގޮތުން އެރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހުރިއިރު، ޔުނިވާސިޓީގެ ގޮފިތަކެއް އެރަށުގައި ހުރިކަން ނަސްރުﷲ ފާހަގަކުރެއްވިއެވެ.
އެރަށުގެ މަގުތައް ވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. އަދި
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް އެރަށުގައި ފަށާފައިވާއިރު، އެރަށުގައި ގާއިމްކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
"ސިޓީއަކަށް ހެދުމުން މިހާރަށްވުރެ ޚިދުމަތްތައް ފުޅާކުރެވޭނެ. އުމްރާނީ ތަރައްގީއާއި ސިއްހީ ގޮތުން ލިބޭ ޚިދުމަތްތައްވެސް ފުޅާވާނެ،" ނަސްރުﷲ ވިދާޅުވިއެވެ.
ސިޓީއަކަށް ބަދަލުވެއްޖެނަމަ އެރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުއޮތީ ހަތަރު ސިޓީއެކެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީއެވެ. އެންމެފަހުން ސިޓީއަކަށް ބަދަލުކުރީ ކުޅުދުއްފުއްޓެވެ. އެއީ ޖެނުއަރީ 1، 2020ގައެވެ.