މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ ތަހުގީގު ނުފެށެނިސް އެ މައްސަލައިގައި އިހުމާލުވި ދެ ޑޮކްޓަރުން ގައުމަށް ފޮނުވާލުމުން ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ދީދީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ސައުދުﷲ ބުނީ ސަދާގެ މައްސަލައިގައި މެޑިކަލް ކައުންސިލުން ނިންމީ ޑޮކްޓަރުންގެ އިހުމާލު އޮތުމުން އެ މީހުން ސަސްޕެންޑް ކުރަންކަމަށެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ލުމުގެ ކުރިން އެމީހުން ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލީކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެ ދެމީހުން ވަޒީފާއިން ކަނޑާލާފަ ފޮނުވާލުމަކީ އިންސާފުލިބުން ކަމަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯޓުން މީގެ ކަމެއް ނުނިމޭހާ ހިނދަކު މިކަމެއް ނުހުއްޓޭނެ. ކޮންމެ ފަހަރަކު ބޭރު ޑޮކްޓަރުންވީމަ އެ މީހާ ފޮނުވާލީމަ މިކަމެއް ނުއެއް ނިމޭނެނުންތޯ." އޭނާ ބުންޏެވެ.

ސައުދުﷲ ބުނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން މޯލްޑިވްސް ނާސިންގް ކައުންސިލާއި މެޑިކަލް ކައުންސިލުގެ ލިޔުމެއް ބޭނުންވާކަމަށެވެ. އަދި އެ ލިޔުން މޯލްޑިވްސް ނާސިންގް ކައުންސިލުން ނިންމާ މިހާރުވަނީ ހެލްތް މިނިސްޓްރީގެ އެޗްއާރަށް ފޮނުވާފަކަމަށް ވެސް ސައުދުﷲ ބުންޏެވެ.

އެ މައްސަލަ އަށް އިންސާފު ލިބެންދެން އިންސާފު ހޯދަން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގަ ސަދާއަށް އިންސާފު ލިބުންކަމަށް ވާނީ ދެވަނަ މީހަކަށް މިކަހަލަ ކަމެއް ތަކުރާރު ނުވާނެކަހަލަ ގޮތަކަށް ކޯޓަކުން ހުކުމެއް ނެރުނީމަ" ސައުދުﷲ ބުންޏެވެ.

އޭނާ ބުނީ މިފަދަ ކަންކަން ހައްލުވާނީ ގާނޫނަށް ވެސް ބަދަލު ގެނެސްގެން ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި ޖިނާއީ ތަހުގީގަކަށް އެދުމުގެ ބާރާއި ފިޔަވަޅުއެޅުމުގެ ބާރު ހެލްތް މިނިސްޓަރީއަށް ލިބެން ޖެހޭކަމަށް ގަބޫލުކުރާކަމަށް ވެސް އޭނާ ބުންޏެވެ.

"ސަދާގެ މައްސަލައިގައި އަޅުގަނޑަށް އެކަނި ޖިނާއީ ތަހުގީގަކަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެދެވޭނީ. އަސްލު މިހާރު މިކަންކަމުގަ އިންސާފު ނުލިބޭތީ މީހުން ތިބެނީ މަޔޫސްވެފަ. އެމީހުން ބޭނުމެއް ނުވެ ކޯޓަށް ދާކަށް." އޭނާ ބުންޏެވެ.

ސަދާގެ މަރުގެ މައްސަލައިގައި އިިހުމާލުވިކަމަށް ނިންމާ ގައުމަށް ފޮނުވާލާފައި ވަނީ ބަނގްލަދޭޝްގެ ޑޮކްޓަރަކާއި މިސްރުގެ ޑޮކްޓަރެކެވެ.

އުމުރުން ފަސް އަހަރުގެ ސަދާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ފްލޫ ކްލިނިކަށް ގެންގޮސްގެން ފަރުވާ ނުލިބުމުންނެވެ. ހޮސްޕިޓަލަށް ގެންގޮސް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުޑަ އިރުކޮޅެއްތެރޭގައި ސަދާ މަރުވީކަމަށް ސަދާގެ ބައްޕަ ބުންޏެވެ.