17 Feb 2022, 09:14
ރީތިކޮށް މޫސުމް އޮވެފައި އުޑުމަތި ކަޅުވިލާތަކުން ބައްދައިލަން ނެގީ ހައިރާންވާހާ ކުޑަ ވަގުތުކޮޅެކެވެ. ތޫފާނެއްގެ އެއްވެސް އިންޒާރަކާ ނުލައި ތޫފާނެއް ބޯމަތިވެ ވަޔާއެކު ގުގުރާއި ވިދައިލީ ހިތްތައް ބިރުގަންނަހާ ދަރަޖައަށެވެ.
"ޔާ ﷲ..." ބޯމަތީގައިވި ފުރާޅު އުދުހިގެން ދިޔަ ވަގުތު ސަލާރުގެ މޫނާއި ދިމާލަށް އައީ ތޫނު އެއްޗެކެވެ. އޭނަގެ ކަންފަތް ހިފައިގެން ދިޔަކަން އެނގުނީ އޮހިގަތް ލޭގަނޑުން ޓީޝާޓް ފޯވެގަތްއިރު އަތް ޖައްސައިލެވުމުންނެވެ. އެ ޓިނުގަނޑު ދިޔައިރު އެހެން ފަންނާނުންނަށްވެސް ޒަޚަމްތަކެއް ލިބި އަނިޔާވަމުން ދިޔައެވެ.ކޮންމެވެސް ބަޔަކު އަވަހަށް އޭނަ ސަލާމަތްކޮށްގެންގޮސް ބަހަށް އެރުވިއިރުވެސް ސަލާރު އެދެމުން ދިޔައީ އޭނަގެ ކަންފަތް ހޯދައިގެން ގެނެސްދިނުމަށެވެ. ސަލާރުގެ ޒަޚަމަށް ވަގުތީ ފަރުވާދެމުން ދިޔައިރު އޭނަ ފިނި ދަލެއް ހިއްލާ ނޭވާކުރުވެއްޖެއެވެ. ސަލާރު ގަބޫލުކުރީ އެފަދަ މަންޒަރެއް ފެނުމުން "ޕެނިކް ޑިސްއޯޑަރ" އަނެއްކާ ޓްރިގާރ ވީކަމުގައެވެ. އޭނަގެ ދިރިއުޅުމުގެ ބަލިފަޔަކީ އެ ފޯބިއާ ތަކާއި ޕެނިކް މައްސަލައެވެ. އެހެންމީހުން ދެކޭގޮތުން ސަލާރު ފިނޑީއެވެ. ފިރިހެނެއްވެއްޖެއްޔާ ހިތްވަރުގަދަވެ ކަންތައްތަކާއި ކުރިމަތިލާން ކެރެންވާނެއެވެ. ނަމަވެސް އޭނައަށް ކެތެއް ނުކުރެވުނެވެ.
"މަންމާ. މަގޭ ކަންފަތް.."ސަލާރުގެ ލޯ ފުރިގެން ބަންޑުންވެގަތީ ހޫނު ކަރުނަތެކެވެ."ކަންފަތް ނުފެނުނުތަ"
"އިޓްސް އޯކޭ. އިޓްސް އޯކޭ...ޔޫ ވިލް ބީ ފައިން..."ޑޮކްޓަރަކު ހިތްވަރުދިނެވެ. ނަމަވެސް ސަލާރުއަށް ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެ ޓިނުގަނޑު އޭނަގެ ކަންފަތް އިރާލައިގެން ދިޔަތަން ދެކުނީ އޭނަގެ ލޮލުންނެވެ. ސަލާރު އޭނަގެ މަންމަ އަދި އަލާޔާއަށް ގުޅާފައި އެ ޚަބަރުދޭން ބޭނުންވިއެވެ.
ސަލާރު އޭނަގެ މަންމައަށް ގުޅިއެވެ.
"މަންމާ މިއުޒިކް ޝޯއަށް އެރިތަނާ ކޮންތާކުން އައި ތޫފާނެއްކަމެއް ނޭގޭ. ގަދަ ވަޔާއެކު އައި ތޫނު އެއްޗެއް މަގޭ ކަންފަތް ގެންގޮސްފި....." ސަލާރު ރޮއިގަތެވެ.
"ގޯޑް. ތިކިޔަނީ ކީކޭތަ؟ ކަންފަތް ގެންދިޔައީއޭ؟ދަރިފުޅު ތިކިޔަނީ ރަގަޅަށް ތަ"
"އެމީހުން ބޭސްގަނޑު އަޅާފައި ހުރީ. ކަންފަތް ހޯދަ ހޯދާވެސް ނުފެނުނު. އެހެންނޫންނަމަ ދެން ކަންފަތް ޖައްސާފައިވެސް ފެހޭނެއްނު..އެކަމަކު....އެންމެން ބިރުން އެތަން ދޫކޮށް ދިޔައީ.............."
ސަލާރުމެންނަށް ދިމާވި ކަންތައް ސޯޝަލް މީޑިއާތަންތަނުން ފެންނަން ފެށުމުން އޭނަގެ މަންމައަށްވެސް އެ ހާދިސާގެ ތަފްސީލު އެނގުނެވެ.
***
އެރޭ ސަލާރުއަށް ހޭލެވުނީ ނުބައި ހުވަފެނެއްފެނިގެން ހަޅޭއްލަވައިގެންފައެވެ. ފިނި ދަލެއް ހިއްލައިލާ ހިތް އަވަސްވެފައެވެ.
"ޝޭޚު ބުނީމަވެސް އަހަންނަށް ގަބޫލެއް ނުކުރެވުނު. އަހަރެން ބުނިން ދީން ގަބޫލުނުކުރަމޭ. އެކަމަކު ހަގީގަތަކީ އެއީއެއްނޫން. އެމޮޔަ ވާހަކަތައް ދެއްކުމަށްފަހު އަހަރެން އެކަން އަނބުރާ ގެނައިން. އެއްވެސް މީހަކަށް ޑިނައި ނުކުރެވޭނެ ހެއްދެވިފަރާތް ވޮޑިގެންވާކަން. އެކަން ގަބޫލުނުކުރާ މީހުންނަށް ވަށައިގެން ފެންނަނީ ހެކިތައް ނޫން ކޯންޗެއް..ކަންފަތްވެސް ގެއްލުނީ މިކަމާއިހެދި. އައި ލޮސްޓް މައި ޕްރެޝަސް އިޔަ. ޑޭމް..................ނޯ ނޯ ނޯ.........."
ސަލާރު އަވަހަށް ލޯމަރައިލަމުން ގުރުއާންގެ އާޔަތްތަކެއް އަހަން ފެށިއެވެ. ފިނިފެނުގެ ތެރެއަށް ހިތް ގަންބައިލެވުނުފަދަ އިހުސާސެއްވިއެވެ. ހިތުގައިވި ނުތަނަވަސްކަމާއި އުދަގޫތަކުން ގުރުއާނުން ހިމާޔަތް ހޯދިއެވެ.
***
"އަލާޔާ..އިޓްސް ޕޮޒިޓިވް......." ސަމަރު ހަޅޭއްލަވައިގަތެވެ. އޭނަގެ ދެފައިވެސް ބިންމަތީގައި ހަރުނުލައެވެ. މޭނުބައިކުރުމާއި ވަރުބަލިކަންވެސް އެވަގުތުކޮޅު އޭނަ ދޫކޮށް ހަވާއަށް އަރައިގެން ދިޔައީ ލިބުނު އުފަލުގައެވެ. އަލާޔާގެ ގައިގާ ހިގައިގަނެވުނުގޮތަށް ފުންމައިގަނެވުނީ އަލަށް ކުޅޭ އެއްޗެއް ލިބުމުން ކުޑަކުއްޖަކު ފުންމާހެންނެވެ. އަލާޔާއަށްވެސް ހެވުނެވެ.
"އައިމަލް ގާތު ބުނޭ. އޭނަ ހިތުން އެހެރީ އެކަން ނުވާކަމަށް ހަދައިގެނެއްނު. މިފަހަރު އެ ހަނދުވަރު ކުރަތްޕަށް ދޫ ލަނޑެއް ދޭންވާނެ.."
"އަލާޔާ ލަވް. މަގޭ ދަރިފުޅުގެ ބައްޕައޭ..އެއްޗެހި ނުކިޔަބަލަ..." ސަމަރު ނިކަން ލޯބިން ބަނޑުގައި އަތް ޖައްސައިލިއެވެ." އަލާޔާގެ އެކްސްޕީރިއެންސް ހުންނާނެ. މިކުއްޖާ ކިހާވަރެއްވާނެ......."
"ބޮޑު ބިއްލޫރިގަނޑެއް ހޯދައިގެން ބަލަން ޖެހޭނީ......" އަލާޔާ ވިސްނައިލިއެވެ.
"އައިމް ސޯ އެކްސްޓެޓިކް......ބޭބީއާއި ހަނާ ވާނީ ކަޒިންސްއަށްނު..ކޮން ނަމެއް ކިޔާނީ؟"ސަމަރު ގޫގުލް ހުޅުވައިގެން ބަލަންފެށުމުން އަލާޔާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނަގެ ހަނދާނަށް ބަލިވެއިން ދުވަސްވަރުގެ އެކި ދުވަސްތައް ލަސް ދުވެއްޔެއްގައި ދަތުރުކުރަން ފެށުމުން ލޯ މަރައިލެވުނެވެ. އަތްމުށްކެވުނެވެ. އެނުލަފާ ހައިޝަމް ދިޔަގޮތަށް ދުނިޔެއިންވެސް ނެތިގެން ދިޔައީ ނޫންހެއްޔެވެ؟ދެން ދައުވާ ކުރެވޭނީ ގިޔާމަތް ދުވަހުގައެވެ.
***
އައިމަލްގެ މޫނަށް އެތައް ހާސްކުލައެއް ވެރިވުމާއެކު ސަމަރުގެ އަނގައިގާ ހިފައިލެވުނެވެ. ބާރުލާން އުޅެފައިވެސް އެހާ އަނިޔާވެރިވާކަށް ނުކެރުނެވެ. "ތިއީ ތެދަކަށް ވެއްޖެއްޔާ ޔޫ ހޭވް ޓު އެބޯޓް ދެޓް ތިންގް. އިތުރު އެއްވެސް މީހަކަށް އެނގިގެންނުވާނެ. އަންޑަސްޓޭންޓް؟ އަހަރެންގެ ފަހަތުން އައިސް އަދި އެވަރުންނުވެގެން ކިހާ ބޮޑު މުސީބާތެއްތަ ޖައްސަން ތިއުޅެނީ؟ އަހަންނައި ޝެނަންގެ ދޭތެރެއަށް ވަންނާނެކަމެއްނެތް.."
ސަމަރުގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ކޯތާފަތް މަތިން ފައިބައިގެން ދިޔައެވެ. އައިމަލްގެ ފަރާތުން އެހެން ކޮންމެފަދަ "ރިއެކްޝަން"އެއް އަޔަސް މިފަދަ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. މިފަދަ އަނިޔާވެރި ލަފުޒުތަކުން އޭނަގެ ހިތް ކުދިކުދިކޮށްލާނެ ކަމަކަށް ހީކުރާނީވެސް ކިހިނެއްހެއްޔެވެ؟ އައިމަލް އޭނަގެ މޫނުމަތިން ދޫކޮށްލުމާއެކު ދުއްވައިގަނެވުނީ ކޮޓަރިއާއި ދިމާލަށެވެ.
އަލާޔާއަށް ގޮވާ ގެނެސްގެން އޭނަ އައިމަލްގެ ލަފުޒުތައް އިއްވުމުން އަލާޔާ ސަމަރުގެ ލޮލުން ކަރުނަ ފޮހެލަދިނެވެ.
"އެފަދަ މީހަކަށްޓަކާ ނުރޮއި. އެކަމަކު އޭނަ ބުންޏަސް އެކަން ކޮށްގެން ނުވާނެ. އެއްގޮތަކަށްވެސް އެބޯޓް ނުކުރާތި..ޕްރޮމިސްކުރޭ.."އަލާޔާ ސަމަރުގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ.
"އައިމަލް ދެރަވާނެގޮތަކަށް އެއްވެސް ކަމެއް ނުކުރައްޗޭ އޭނަ ކިތަންމެ އަނިޔާވެރިވިޔަސް............."
"ލޯބިވެއޭ ނުބުނާތި..." އަލާޔާ ސަމަރުގެ އަނގަމަތީގައި އަތް އަޅަމުން ތުން އޫކޮށްލިއެވެ.
***
ރޭގަނޑުގެ ކެއުމަށް އެންމެން ކާބަޔަށް އައިސް ގޮނޑިތަކުގައި ހަމަޖެހިލިއެވެ. އަލާޔާއާއި ސަމަރުއެކީ ކަހަލަގޮތަކަށް ވަދެ ސަލާމް ގޮވައިލުމަށްފަހު އިށީދެ ދެކެވުނު ވާހަކަތަކުގައި ސަލާރުގެ ނަން އިވުމާއެކު އަލާޔާގެ ހިތަށް ފިނިވިއެވެ. އައިމަލްގެ ބުމަ ގޮށްޖެހިފައިވިޔަސް އޭނަގެ ބައްޕަ ވާހަކަދެއްކުމުން ރޫފިލައި ތަންކޮޅެއް ރީތިކޮށްލައިފިއެވެ.
"ޑޮކްޓަރ އައިމަލް. ކޮންގްރާ..." މޭޒުމަތި ހިމޭންވި ވަގުތު ބަލާލާފައި އަލާޔާ ނިކަން ރީތި ހިނިތުންވުމެއް ދިނެވެ. އައިމަލް ސިހުމާއެކު ބަލައިލިއިރު ސަމަރުއަށް އަލާޔާގެ އަތުގައި ވިކައިގަނެވުނެވެ.
"ކޮންކަމަކާތަ އާޒީން...." ކަމާލުއްދީންގެ ސަމާލުކަން އެ ލަފުޒުތައް އަތުލައިފިއެވެ.
"ބައްޕައަކަށް ވާން އުޅޭތީ...."އަލާޔާ ހަކާންއަށް ނަޒަރު ހުއްޓައިލިއެވެ."ހަކާންއަށް ކޮއްކޮއެއް ލިބެނީ...."
"ވަޓް ނަންސެންސް......" އައިމަލް ފުންމައިގެން ތެދުވުނެވެ. ސަމަރު އޯކަށް ދަމައިގެންފާ އެތަނުން ދުއްވައިގަތީ އަލާޔާއަށް ކަޅިއަޅައިގެންފައެވެ." އައި ވޮންޓް ފޮގިވް ޔޫ އަލާޔާ އާދަމް.........."
"ޑޮކްޓަރ އައިމަލްއަށް މިއީ ދޮގެކޭ ނުބުނެވޭނެ. ރަށަށް އޭރު ގޮސްފައި ސަމަރުއާއި ކައިވެނި ކުރުމަށްފަހު ހަނާ ގޮވައިގެން ފުރަންގޮސް ހުރެ ސަމަރުއަށް ގުޅާފައި ޑިވޯސްކުރީ. އެއްގޮތަކަށްވެސް ރަގަޅަށް ނޫން އެކަންތައްކުރީ. ސަމަރު ޕްރެގްކަން އެނގުނީ އިއްޔެ ޓެސްޓްހެދީމަ. އައިމަލް ގާތު ބުނުމުން ތްރެޓްކުރީ. އެބޯޝަން ހަދަން އެންގީ. އެހާ އަނިޔާވެރިވުމުން މިކަން ފޮރުވައިގެން ހުރުމަށްވުރެ އެންމެނަށް ރަގަޅުވާނެކަމަށް ދެކުނީ. އައިމް ސޮރީ ބަޓް އެންމެނަށް އެނގުމުގެ ހައްގު އެބައޮތް. އަންހެންކުދިންނަކީ އައިމަލް ބޭނުންހާ ގޮތަކަށް ގެންގުޅެން ހަލާކުކުރަން ޓޯއިސްތަކެއް ނޫން." އަލާޔާގެ ވާހަކަ ނިމުނުއިރު ސޫފިޔާނާވެސް އަނގަމަތީ އަތް އެޅިގޮތަށް ޝޮކެއްގައި އިނެވެ.
"ތެދެއްތަ ދަރިފުޅާ؟" ކަމާލުއްދީންގެ ނަޒަރު ހުއްޓުނީ އައިމަލްގެ މޫނަށެވެ.
"އެއީ ސީރިޔަސްކޮށް ކުރިކަމެއްނޫން. ސަބަބަކީ.............." އައިމަލް އެއްޗެކޭ ބުނަން އުޅުނެވެ.
"ކައިވެންޏަކީ ސަމާސާއެއްތަ އައިމަލް؟" ކަމާލުއްދީންގެ ބުމަ ކައިރިވެއްޖެއެވެ. ތަށިތައް ދުރުކޮށްލާފައި ފެންތަށްޓެއްނެގިއެވެ. އެމޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރު ފެންނާންފެށިއެވެ. އައިމަލް ދުމެއް ޖަހާފައި ހެން މޭޒު ދޫކޮށް ދިޔުމުން ޝެނަންއަށް ބަލައިލެވުނީ އަލާޔާއަށެވެ.ޝެނަންއަށް ދިވެހި ބަސް ނޭގޭތީ އަލާޔާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.
"ކީކޭ ހިތަށް އަރައިގެން... އަލާޔާ އެއްވެސް މީހެއްގެ އިހުސާސްތަކަށް ގަދަރުކުރުމެއް ކަމެއްނެތީތަ؟ އެންމެންގެ ކުރިމަތީގައި ލިބިދާނެ ޝޮކަކަށް ނުބަލާ ބޮމެއް ވައްޓައިލިހެން އެވަރުކަމެއްކުރިއިރު މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ނޭގެން ތިއީ ކުޑަކުއްޖެއްތަ؟ ސަމަރުވެސް އެކަން ސިއްރުކޮށްދޭން ބުނީ ދޯ. ދެން އޭނަގެ ޒާތީކަމެއް އެގޮތަށް ބޭޒާރުކޮށްލީ؟" ސޫފިޔާނާ ތެދުވުނުއިރު ތުންފިތައިލެވިއްޖެއެވެ.
"ހަމަޖެހިބަލަ ސޫފީ. މިކަމުގައި އިތުރު މީހަކު ކުށްވެރިކުރާނެކަމެއްނެތް. މަގޭ ދަރި ގޯސްހެދީ. އޭނައަކީ އެކަހަލަ ކަންތައްތަކުގައި ޒިންމާދާރު ނުލާހިކު ރަގަޅު ފިރިހެންދަރިއެއް. މިހެންވާންވީ ސަބަބެއް ނޭގުނު. އެކަމަކު ހަމަނުޖެހުމަކަށްނުގޮސް ވާހަކަ ދައްކައިގެން މިކަން ހައްލުކުރާނީ........."ކަމާލުއްދީން އަލާޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ."ޔޫ ޑިޑް ދަ ރައިޓް ތިންގް މައި ޑިއަރ...ނޭގުމުގެ ތެރޭގައި ތިބިނަމަ މިއަށްވުރެ ރިގްރެޓްކުރާވަރުގެ ދުވަހެއް ނާންނާނެއެކޭ ނުބުނާނަން. އައިމަލްގެ އެ އަމަލު ޖަސްޓިފައި ކުރެވޭނެ އެއްވެސް ގޮތެއްވެސް ނުފެނޭ. އައިމަލްގެ ފަރާތުން މާފަށް އެދެން...."
އަލާޔާއާއި ދިމާލަށް ލޮލުން އަލިފާނުގެ ތީރުތައް އުކަމުންގޮސް ސޫފިޔާނާ ކޮޓަރިއަކަށް ވަދެ ނިވާވިއެވެ.
***
މާޒިންއާއި މަހާ އަލާޔާއާއި ބައްދަލުކުރަން އައިގޮތަށް ދިޔައީ ކައިރީގައި ހުރި ކެފޭއަކަށެވެ. އައިސްކްރީމާއި ޕިއްޒާއަށް އޯޑަރުކޮށްގެން ކާން ތިބިއިރު ދިމާވެގެން އުޅޭ ހާލަތު އަލާޔާ ކިޔައިދިނެވެ. އަލާޔާދެކެ އެންމެން ހިތްހަމަނުޖެހިފައިވާ ކަމަށާއި އެގޭގައި ހުންނަން އުދަގޫވާކަމުގައިވެސް ބުނެލިއެވެ. ނަމަވެސް ޔަގީނުންވެސް އެގެއިން ރައްކާތެރިކަމުގެ އިހުސާސްކުރެވެއެވެ. ސަމަރުގެ ހިތްހަމަނުޖެހުން ފިލައި މާފުކުރާނެ ކަމުގެ އުއްމީދުވެސް އޭނަ ގެއްލުވާނުލައެވެ. އަލާޔާގެ އަނގަ ގަދަކަމުން މިފަދަ ބޮޑެތި ފުންމިން ނޭގޭ ވަޅުގަނޑަށް ވެއްޓި އަރައިގަންނަން އުދަގޫވާ ހާލަތަށް ދަނީއެވެ.
***
އަލަޔާ ސަމަރުއަށް މެސެޖްކުރުމުން ޚަބަރެއްނުވިއެވެ. ދަރިފުޅު ނިދުމުން އަލާޔާއަށް އޮވެވުނީ ސަލާރުމެންގެ ޝޯ ކެންސަލްވުމުން އޭގައި ހުރި ކޮމެންޓްތައް ކިޔުމަށެވެ. އަލާޔާވެސް ކޮމެންޓެއް ލިޔުނެވެ.
"ޑިއަރ ސަލާރު. ކުއްލިއަކަށް ތި މިއުޒިކް ޝޯއަށް ރެޑީވުމާއެކު ތި ތޫފާން އައިގޮތް ބިރުވެރިކަން މި ކޮމެންޓްތައް ކިޔައިލީމަވެސް އެނގިއްޖެ. އެއީ ވޭކްއަޕް ކޯލެއް. ގިނަފަހަރު އެގޮތަށް ދިމާވާ މިރެކްލްސްތަކާއި ކުދި އިންޒާރުތަކަކީ ދިރިއުޅުން ޗޭންޖުކުރަން ލިބޭޭ ފުރުސަތެއް. މިއުޒިކް ހަރާމްތޯ ހަލާލްތޯ ނުބަލައި އޭގެއިން ހިތްހަމަޖެހުމެއް ލިބޭތޯ ސަލާރު ބަލައިލަބަލަ. ނުލިބޭނެ. އޭގެ ބަދަލުގައި ﷲގެ ކަލާމްފުޅު އަހަން ފެށުމުން އެއަށްވުރެ ހިތާއި ފުރާނައަށް ތަސައްލީ ގެނެސްދޭ އެހެން އަޑެއް ނީވޭނެކަން ޔަގީން. ސަލާރުގެ ރީތި އަޑުން ގުރުއާން ކިޔަވަން ފަށަންވީނު. އޭރުން އެތައް މިލިއަން މީހުންނެއް އެ އަޑު އަހާނެކަން ޔަގީން. ޓްރައި ޕްލިޒް. މިއުޒިކަކީ ހަމައެކަނި ޝައިތާނެގ ޓޫލެއް. ދުނިޔެއިން މަޝްހޫރުކަން ހޯދިދާނެ. ގުރުއާނަކީ ﷲ ތައާލާގެ ވަހީބަސްފުޅު. އެތައް ހިކުމަތްތަކާއި މޫރިތިކަމެއް އެއިން ކޮންމެ އަކުރެއްގައި ހިމެނޭ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް އޭގައި ހުރި ކަރާމާތްތަކާއި އެކަންތައްތަކެއް އިހުސާސެއްނުވާނެ. ގުރުއާނާއި މިއުޒިކް އެއްފަދަ ކުރެވޭނީ ކިހިނެއްތަ؟އެއީ އެކީގައި ދާނެ އެއްޗެއްނޫން..ސަލާރު އެކަން ތަޖުރިބާކޮށްބަލަ. ކުއިޓް އެންޑް ސްޓާޓް އޯވާ އެގެއިން..މޭ ﷲ ގިވް ޔޫ ގައިޑެންސް........................"
މިއުޒިކް ދުނިޔެ ސަލާރު ދަންނަނީ ޝޭންގެ ގޮތުގައި ނަމަވެސް އޭނަ އަބަދުވެސް އޭނަގެ އެންމެ ގާތް އެކުވެރިޔާ ދެކޭނީ ސަލާރުގެ ގޮތުގައެވެ.
***
އަލާޔާ ދަރިފުޅު ސްކޫލަށް ލާފައި އައިގޮތަށް ކޮފީއެއް ހިފައިގެން ނުކުތީ ބަގީޗާތެރެއަށެވެ. މާބްލް މޭޒާއި ކައިރީގައި ބަހައްޓާފައި ހުރި މޭޒުމައްޗަށް ޚަރީފުގެ ފަތްތައް އެޅިފައިވާއިރު ފެންނަލެއްނިކަން ޗާލެވެ. ކުޅަދުންވަންކަމުގެ ހެކިތައް ބަލައިލި ކޮންމެ ދިމާލަކުން މިހިރަ ފެންނަނީއެވެ. ސަމަރު ދޮރުމައްޗަށް އަރާފައި ވަކިން ތުން އޫވިއެވެ.
"ހޭއި ސަމަރު. އައިމް ރިއަލީ ސޮރީ....."
"ތިއީ ބޮޑު އަނގަގަނޑެއް. މަށާއި ވާހަކަ ނުދައްކާ.."ސަމަރު އެތެރެއަށް ދާން އުޅެފައި ނުކުމެގެން އައެވެ."އެކަމަކު އަހަރެން ބޭނުން ހުރިހާ ޑީޓެއިލްސްއެއް. އަހަރެން އައީމަ އެތަނުގައި ދެކެވުނީ ކޮން ވާހަކައެއްތަ؟"
އަލާޔާ އަނގަ ހުޅުވާފައިވެސް ލޯ ހުއްޓުނީ ކާރުން ފޭބި ސަލާރުއަށެވެ. ދުއްވައިގަންނަން ހަދައިގެން ކޮފީތަށި ހެދުމަށް ބަންޑުންވީއިރުވެސް އަލާޔާއަށް ރޭކާނުލިއެވެ. އޭނަ ދުވަމުންގޮސް ސަލާރުގެ ގައިގާ ބައްދައިނުލެވުނީ ކިރިޔާއެވެ.
"ސަލާރު އާ ޔޫ އޯކޭ؟"
ސަލާރު އެސްފިޔަތައް ދެތިންފަހަރު ޖަހައިލީ ޔަގީންނުވެގެންނެވެ. އޭރު ސަމަރުވެސް ހުރީ ފަހަތުގައި ޖައްސާލާފައެވެ.
"އަހަރެން ދެން ގޯހެއްނޫން. އެކަމަކު...."
"ޝޯދޭން ދިޔައީމަ އަންހެންކުދިން ސަލާރުގެ ކަންފަތް ކާލައިފިދޯ. ފޭނުންނަށްވިޔަސް ބޮޑުވަރު......"އަލާޔާ ސީރިޔަސްވެލިއެވެ.
"އެހެނެއްނޫން......."ސަލާރުގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.
"ކީއްވެ އައީ؟ ސައުދީއަށްފަހު ދޯހާއަށް ފުރާގޮތަށްނު އޮތީ؟"ސަމަރު ސުވާލުކުރިއެވެ.
"މަންމަގެ ވެޑިންއަށް މިއައީ...."ސަލާރު ލަގެޖް ދަމަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. "އެކަމަކު އަލާޔާ މިތަނުން ފެނުނީމަ ސަޕްރައިޒެއް ލިބިއްޖެ...."
ނުނިމޭ