13 Feb 2022, 15:43
އެކި މައްސަލަތަކުގައި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައެވެ.
ފުލުހުން ބުނީ ނައްތާލާފައިވަނީ 270 ފުޅި ބަނގުރަލާއި 623 ދަޅު ބިޔަރު ކަމަށެވެ. އިތުރަށް ބުނީ ނައްތާލި ބަނގުރަލަކީ މިދިޔަ އަހަރުގެ އޭޕްރީލް 16 އިން އެ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހާ ހަމައަށް ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މިދިޔަ ހޯމަ ދުވަހުގައި ވެސް ފުލުހުން ވަނީ އެކި އެކި މައްސަލަތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 717 ފުޅިއާއި ނުވަ ޕެޓްފުޅިއާއި 67 ބިޔަރު ދަޅު އަދި 46 އެހެނިހެން ތަކެއްޗެވެ. އެ ތަކެތީގެ ބާޒާރުމަތީ އަގު 1.3 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ބުންޏެވެ.
މީގެ ތިން ހަފްތާ ކުރިން ކަސްޓަމްސްއިން ވެސް ވަނީ ގިނަ އަދަދެެއްގެ ބަނގުރާ ނައްތައިލައިފައެވެ.
ކަސްޓަމްސްއިން ނައްތާލި ތަކެތީގެ ތެރޭގައި 1059.85 ލީޓަރު ބަނގުރަލާއި 8481.93 ބަނގުއާވިއެވެ.
ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައެވެ.