ބޭނުމަކީ ޕާޓީ ތެރޭގައި އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުން ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތި ލައްވައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަގާމުތަކަށް ކުރިމަތިލުމަށް އިއްޔެ ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމާއި ޒުވާނުންގެ ހިތްވަރާ އަދި އަންހެނުންގެ ރޫހެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާނެކަން މިހާތަނަށް ކަށަވަރު ވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

މި ދެބޭފުޅުންގެ އިތުރުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވެސް އެ މަގާމަށް ކުރިމަތި ލައްވާނެކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމަށް ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ބަންދެއް ނުވެއެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ވަގުތު ހަމަވާނީ މި ހިނގާ ފެބުރުއަރީމަހުގެ 19ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00އަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމަށް މިއަދު ކުރެއްވި ޓްވީޓުގައި ރޮޒައިނާ ވިދާޅުވީ ބޭނުމަކީ އެމްޑީޕީގައި އަންހެނުންގެ ބާރުވެރިކަން އިތުރު ކުރުމަށްފަހު، އެމީހުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނެރުން ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ޓަކައި ކުރެވެންހުރި އެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

އޭނާ އެ މަގާމަށް އިންހާބު ކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަނަށް ލިބޭނީ ފަސް އަހަރު ދުވަހުގެ ދައުރެކެވެ.

އެ ޕާޓީގެ އުމުރުން 17 އަހަރު ފުރޭއިރު ހަސަން ލަތީފަކީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ޗެއާޕާސަނެވެ.