13 Feb 2022, 13:15
މިއަދު ފުލުހުން ބޭނުން ކުރަން ފެށި ބޮޑީ ކެމެރާތަކުން ފުލުހުންނާއި ރައްޔިތުންނަށް ވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބޮޑީ ވޯން ކެމެރާ ތައާރަފްކުރީ 200 ކެމެރާއާއެކު މާލެ އާއި އައްޑޫގައެވެ.
ފުލުހުންގެ ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ބޮޑީ ވޯން ކެމެރާގެ އެހީގައި މައްސަލަތަކުގެ ހަގީގަތް ހާމަވެ، ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ ކޮބައިކަން އެނގިގެން ދާނެ ކަމަށެވެ.
ހަމައެއާއެކު، މިއީ ޕޮލިސް ރިފޯމްގެ ވަރަށް މުހިންމު މުހިންމު ހަރުފަތެއް ކަމަށާއި ބޮޑީ ވޯން ކެމެރާ ތައާރަފް ކުރުމަށް ސަރުކާރާއި ކޮމިޝަނާ އޮފް ޕޮލިސް އާއި އެގްޒެކެޓިވް އޮފިސަރުން ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ފުލުހުންގެ މައްޗަށް ވަކިވަކި ހާލަތްތަކުގައި ކުރެވޭ ތުހުމަތުތަކާއި ދިއްކުރެވިގެންދާ އިނގިލިތަކަށް ސާފު ހައްލެއް މިކަމުން ހޯދައިދެވިގެން ދާނެ،" އިމްރާން ވިދާޅުވިއެވެ.
މަގުމަތި ޕެޓްރޯލް ކުރުމަށާއި ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ޑްރަގް އޮޕަރޭޝަންތަކުގައި އަދި ސްޕެޝަލިސްޓް އޮޕަރޭޝަންތަކުގައި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެއެވެ.
ހަމައެއާއެކު މުޒާހަރާތަކާއި ތަފާތު އެއްވުންތަކުގައި ވެސް ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެއެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުން، ރައްޔިތުން ފުލުހުންނަށް އިތުބާރު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.