އެމްޑީޕީގެ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލާން ނިންމެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާމެދު ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ފައްޔާޒުގެ ގުޅުން މާ ރަނގަޅު ކަމަކަށް ނުބެލެވެއެވެ.

ނަޝީދާ ގާތްގުޅުމެއް އޮންނަ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.

ދެން އެ މަގާމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ވަނީ ނަން އަނބުރާ ގެންދެވުމަށް ނިންމައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

އޭނާ އެ މަގާމަށް އިންހާބު ކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 16ވާ ހޮނިހިރު ދުވަހުއެވެ.