ފަލަސްތީން އަތުން 2-0 ލަނޑުން ބަލިވެ، ދިވެހިރާއްޖެ އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުން އިއްޔެ ކަޓައިފި އެވެ.

ކަތަމަންޑޫގެ ހަލްޗޯވްކް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ދިވެހި ރާއްޖެ ކޮޅަށް ފަލަސްތީނުން ޖެހި އެޓީމުގެ ފުރަތަމަ ލަނޑު މެޗު 59 ވަނަ މިނެޓުގައި ޖަހައި، މެޗުގެ ލީޑް ފަލަސްތީނަށް ނަގައިދިނީ ހުސާމް އާރު އެސް ވާދީއެވެ. އަދި ރާއްޖެ ކޮޅަށް ފަލަސްތީނުން ޖެހި އެޓީމުގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ އަލްފަގްރާ އެވެ.

އިއްޔެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރު، ރާއްޖެއަށް ވެސް މެޗުގެ ލީޑު ނެގުމަށް ވަނީ ފުރުސަތު ތަކެއް ލިބި، އެފުރުސަތު ތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފި ބޭކާރުވެގެން ގޮސްފައެވެ. އެހެންނަމަވެސް އިއްޔެ މެޗުން މޮޅުވެ، ރާއްޖެ މުބާރާތުން ކަޓުވާލި ފަލަސްތީނަށް މެޗުގެ ފުރަތަމަ ހާފު ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބުނު ނަމަވެސް، ފަލަސްތީނުން ފޮނުވާލި ނުރައްކާތެރި ބޯޅަތަކުގެ ދިފާއުގައި ރާއްޖޭގެ ގޯލް ކީޕަރު މުހައްމަދު އިމްރާން ވަނީ އެބޯޅަތައް ދިފާއުކޮށްފައެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ރާއްޖެއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނު، މިމެޗުގައި ރާއްޖޭގެ ގޯލްކީޕަރު އިމްރާން މުހައްމަދު އިއްޔެ ދެއްކި ކުޅުމަކީ މޮޅުކުޅުމެއްކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ.

ރާއްޖެއާއި އެކު، ގްރޫޕް އޭގެ މެޗުތައް އިއްޔެ ނިމުނުއިރު އެއްވަނަ މަގާމު ހޯދީ، މިގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެއަތުން 3-1 ލަނޑުން މޮޅިވި ތުރުކުމެނިސްތާނެވެ. ގްރޫޕް އޭ ގެ އެއް ވަނަ ތުރުކުމެނިސްތާނަށް ލިބެނީ އެއް ގޯލުގެ ތަފާތުން އިއްޔެ ރާއްޖެ އަތުން މޮޅުވި ފަލަސްތީނަށް ވުރެ، ކުރީގައި އޮތުމުންނެވެ. ޕޮއިންޓުގެ ގޮތުން ފަލަސްތީނަށާއި ތުރުކުމެނިސްތާނަށް ހަތް ޕޮއިންޓު ލިބިފައި ވާއިރު، ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނު އިރު ތުރުކުމެނިސްތާނަށް ކާމިޔާބު ކުރެއިފައި ވަނީ ފަސް ގޯލެވެ. އަދި ފަލަސްތީނަށް ކާމިޔާބު ކުރެވިފައި ވަނީ ހަތަރު ގޯލެވެ.

އިއްޔެގެ މެޗުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހުނު ރާއްޖެއަށް ޖުމްލަ ތިން މެޗު ކުޅެ، ތިން ޕޮއިންޓު ލިބުނު އިރު، ގްރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި، ގްރޫޕް ސްޓޭޖުން ފުރަތަމަ އަލްވަދާއު ކިޔަންޖެހުނު ޓީމަކީ މިފަހަރުގެ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނު ތިން ޕޮއިންޓަކީ، މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ނޭޕާލާ ވާދަކޮށް މޮޅިވި މެޗުން ލިބުނު ޕޮއިންޓެވެ. މިމެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުން ނެވެ. މިމެޗުގައި ރާއްޖެއަށް ލަނޑު ކާމިޔާބު ކޮށްދިނީ މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީގައި މަޑުކުރުމަށް އެއްބަސްވެ، ކޮންޓުރެކްޓު އާކުރި، ރ. އަތޮޅު އަލިފުށީ މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އަދި މިއީ ހޮކޭ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދައި، ކުޅޭ ފުރަތަމަ މުބާރާތް ވެސް މެއެވެ.

މިމުބާރާތުގެ ގުރޫޕް އޭގައި އިއްޔެ ކުޅުނު ދެ ވަނަ މެޗު ނޭޕާލާ ވާދަކޮށް 3- 0 ލަނޑުން މެޗު ކާމިޔާބު ކުރީ ތުރުކުމެނިސްތާނެވެ.

މި މުބާރާތުގެ ގުރޫޕް ބީގެ ފަހު މެޗުގައި މިއަދު މެންދުރު ފަހު އިންޑިއާ އާއި އުތުރު ކޮރެއާ ބައްދަލުކުރާއިރު، ފިލިޕީންސް އާއި ތަޖިކިސްތާން ވެސް ވާދަކުރާނެ އެވެ. އުތުރު ކޮރެއާ ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އިންޑިއާ ކަޓައިފައިވާއިރު، ފިލިޕީންސް އާއި ތަޖިކިސްތާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ބީން ސެމީގެ ދެވަނަ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ސެމީފައިނަލް މެޗްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ގޮތުން، އަންނަ ހުކުރު ދުވަހު ކުޅެވޭ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ގުރޫޕް އޭގެ އެއް ވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމް ބައްދަލުކުރާ މެޗު މިހާރު ކުޅެން ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދުރު 1:45 ގަ އެވެ. ހަމަ އެދުވަހު ކުޅެވޭ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލްގައި ގުރޫޕް ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެ ވަނަ ޓީމް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން ހަވީރު 5:45 ގަ ނއެވެ. ސެމީ ފައިނަލްގައި ވާދަކުރާ ޓީމްތައް މުޅިން ފައިނަލް ވާނީ މިއަދު ކުޅޭ ގްރޫޕް ބީގެ މެޗްތަކަށް ފަހު އެވެ.


މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގަ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހު ރާއްޖޭގަޑިން ހަވީރު 5:45 ގަ އެވެ.

މިމުބާރާތް ކުރިއަށް ދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދެ ސްޓޭޑިއަމް ކަމަށްވާ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގެ އިތުރުން ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.