13 Feb 2022, 09:50
ކިޔޭވް (13 ފެބްރުއަރީ 2022): ރަޝިއާ ކޮންމެ ވަގުތަކުވެސް ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާފާނެކަމަށް ބުނެ އެމެރިކާ ދެމުންގެންދާ ބިރުވެރި އިންޒާރުތަކާއެކު ޔޫކްރެއިންގައި ތިބި އެމެރިކާ ޑިޕްލޮމޭޓުންގެ އާއިލާތައް އެގައުމުން ބޭލުމުގެ މަސައްކަތް އެމެރިކާ ފަށައިފިއެވެ.
މީގެއިތުރުން އެމެރިކާ ސަރުކާރުން ވަނީ ޔުކްރޭންގައި ތިބި އެމެރިކާ ރައްޔިތުންވެސް ވީއެންމެ އަވަހަކަށް ޔުކްރޭން ދޫކޮށް ދިޔުމަށް އިލްތިމާސްކޮށްފައެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސްލީވަން ވިދާޅުވީ ރަޝިއާ ކޮންމެ ވަގުތަކުވެސް ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާފާނެކަމަށާއި އަދި ލަސްވެގެން އަންނަ ބުދަދުވަހު ޔުކްރޭންގެ ވެރިރަށް ކިޔޭވްއަށް ބޮންއަޅަން ރަޝިޔާ ފަށާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
އެމެރިކާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ޖާސޫސީ ދޮގު މައުލޫމާތު ސިޔާސީ ބޭނުމުގައި ފަތުރައި އެމައުލޫމާތަށް ބިނާކޮށް އިރާގަށް އަރައިގަނެ ހަނގުރާމަކޮށް އިރާގުގެ އެތައް ލައްކަ ބަޔަކު މަރާލައި އިރާގު ޓެރަރިސްޓުންގެ ހާއްޔަކަށް ހެދުމުގެ ހުތުރު ތާރީޚެއް އޮތް ގައުމެކެވެ. ރަޝިއާއިން ޔުކްރޭނަށް އަރައިގެންނާނެކަމަށް ބުނެ އެމެރިކާ ދިން މި އިންޒާރާއެކު އެމެރިކާގެ ބަސް ގަބޫލުކުރާ ގައުމުތަކުންވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ޑިޕްލޮމޭޓުންގެ އާއިލާތައް އަނބުރައި ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.
ނަމަވެސް ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ޔުކްރޭނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފެށުމުގެ އެއްވެސް ރޭވުމެއް ނުގެންގުޅޭ ކަމުގައެވެ. ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހެދުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން އަތުވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ.
އެމެރިކާ މަސައްކަތްކުރަނީ ރަޝިއާ ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމުގެ ރޭވުމެއްގެ ދަށުން ކަމަށާއި އެމެރިކާގެ އިސް މަސްއޫލުވެރިންނަށްވަނީ ނަފްސާނީ ބައްޔެއްކަމަށްވާ ހިސްޓީރިއާ ޖެހިފައި ކަމަށްވެސް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވަރަށް ކޯފާވެގެން އިއްޔެވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިއާގެ ރައީސް ވަލްޑިމީރު ޕޫޓިން އިއްޔެވަނީ ޔުކްރޭންގެ މައްސަލާގައި ވާޗުއަލްކޮށް މަޝްވަރާ ކުރައްވާފައެވެ. އަދި އެމެރިކާއާއި ރަޝިއާގެ ޚާރިޖީ ވަޒީރުންވެސްވަނީ ޔުކްރޭންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވާޗުއަލްކޮށް މަޝްވަރާ ކުރައްވާފައެވެ.
މިމަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ. ނާކާމިޔާބުވީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ނުހަދާނެކަމުގެ ގެރެންޓީ ދިނުމަށް އެމެރިކާ ދެކޮޅު ހެދުމާއެކު މިގެރެންޓީ ނުދެނީސް، ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތިބި ރަޝިއާގެ ސިފައިންނާއި ހަތިޔާރު ފަހަތަށް ނުޖެއްސުމަށް ރަޝިއާ ނިންމާފައިވާތީއެވެ.
އަނެއްކޮޅުން ޔުކްރޭން ގެންދަނީ އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ރަޝިއާ އާ ކުރިމަތިލުމަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ. ޔުކްރޭން ބުނާގޮތުން ރަޝިއާ ކުރިމަތިލުމަށްޓަކައި ހަތަރު ލައްކަ ސިފައިން ބަރުހަތިޔާރާއެކު މިހާރުތިބީ ތައްޔާރީ ހާލަތުގައެވެ. ޔުކްރޭނަށް އަރައިގެންފިނަމަ ހިތި ގޮތަކަށް ރަޝިއާ ބަލިކޮށްލާނެކަމަށާ އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ދެ ހާސް ޓަނުގެ ހަތިޔާރު ފާއިތުވި ދުވަސްތަކުގައި ލިބިފައިވާކަމަށްވެސް ޔުކްރޭންގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.