ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތާއީދު އޮންނާނީ ރިޔާސީ ނިޒާމަކަށް ކަމަށާއި ރައީސް މުހައްމަދު ނަޝީދު ގާނޫނުއަސާސީއަށް ހުށަހަޅައިފައިވާ އިސްލާހުތަކާ މެދު ވާހަކަ ދައްކަން އަދި އަވަސް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަމަށް އާދެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ.

މިހާރުގެ ގާނޫނު އަސާސީގައިވާގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ވާނީ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެންނެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުން ދާންޖެހޭނީ ދެވަނަ ބުރަކަށެވެ.

އޭގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ވޯޓަކަށް ދިއުމާމެދު ގޮތެއް ނިންމުމަށް ހުށަހެޅުމަށް ވެސް ގައުމީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ އިސްލާހުތަކާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން، އަދި އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ކަމަކާ މެދު އެ ޕާޓީން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަމާމެދު ވާހަކަ ދައްކާނީ މަޖިލީހަށް ހުށަހެޅުމުން. އޭގެ ކުރިން އެ މަޝްވަރާތައް ކުރަންވާނީ އެމްޑީޕީގެ ތެރޭގައި،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީން އަބަދުވެސް ތާއީދު ކުރާނީ ރިޔާސީ ނިޒާމަކަށް ކަމަށާއި އެ ވިސްނުމަށް ބަދަލު ނުގެންނަ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިބެނީ އެންމެ ތިން މެމްބަރުންނެވެ.

އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއް ކާމިޔާބު ކޮށްފައިވަނީ ކޯލިޝަން ހަދައިގެންނެވެ. އެ ހުރިހާ ކޯލިޝަނެއްގައި ޖުމްހޫރީ ޕާޓީ ހިމެނެއެވެ.

ނަޝީދުގެ އިސްލާހުތަކަށް ތާއީދު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ބުނެފައެވެ. ނަޝީދުގެ އެ އިސްލާހުތަކަކީ އެ މަނިކުފާން ވެރިކަމަށް އައުމަށް ކޮށާ މަގެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.