13 Feb 2022, 08:35
ފަރަންސޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ފަށައިފިއެވެ.
ކެނެޑާގައި ކުރިއަށްދާ 'ފްރީޑަމް ކޮންވޯއި' އިން ހިތްވަރު ލިބިގެން ފްރާންސްގައި ފެށި މި އިހުތިޖާޖުތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ފްރާންސްގެ އިދާރާތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް 7000 ފުލުހުން ނެރެފައެވެ.
ފްރާންސްގެ ވެރިރަށް ޕެރިސް އާ ދިމާލަށް މިސްރާބު ޖަހާފައިވާ މި މުޒާހަރާގެ ބައިވެރިން ބޭނުންވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށެވެ.
މުޒާހަރާގެ ބައިވެރިން ޕެރިސްއަށް ނުވަދެވޭނެހެން އެތައް މަސައްކަތެއް އެ ގައުމުގެ އިދާރާތަކުން ކުރަމުންދާއިރު، މުޒާހަރާ ހުއްޓޭނެކަމުގެ އަލިމަގެއް އަދި ނުފެނެއެވެ.
ކެނެޑާގެ ފްރީޑަމް ކޮންވޯއި އިން ހިތްވަރު ލިބިގެން އޮސްޓްރިއާ އާއި ބެލްޖިއަމްގައިވެސް އިހުތިޖާޖުތަކެއް ވަނީ ފަށާފައެވެ.
ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްތައް ވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ހަރުކަށި އުސޫލުތައް ގިނަ ގައުމުތަކުން ގެންގުޅެއެވެ.
ފްރާންސްގެ އިހުތިޖާޖަށްފަހު ގިނަ ބައިވެރިންގެ މިސްރާބު ހުރީ ބްރަސްލްސް އާ ދިމާލަށެވެ. ބްރަސްލްސް އަކީ ޔޫރަޕުގެ އިއްތިހާދުގެ މައި ހަބެވެ.