ކޮވިޑު އުސޫލުތަކާ ދެކޮޅަށް ކެނެޑާގެ އޮންޓާރިއޯގައި އިހުތިޖާޖުކުރާ މީހުންނަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޓްރޫޑޯ އެ އިންޒާރު ދެއްވީ ކެނެޑާގައި ކޮވިޑް-19 އުސޫލުތަކާ ދެކޮޅަށް 'ފްރީޑަމް ކޮންވޯއި'ގެ ނަމުގައި ޓްރަކް ޑްރައިވަރުން ކުރިއަށް ގެންދާ އިހުތިޖާޖު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ އަޑު އިވިއްޖެ ކަމަށާއި، ދެންވީ ގެއަށް ދާން ކަމަށެވެ. މީގެއިތުރުން ޓްރޫޑޯ ވަނީ ބައިވެރިންނަށް އިންޒާރެއްވެސް ދެއްވާފައެވެ.

"ތީގެއިން އެކަކުވެސް ބޭނުމެއް ނުވާނެ ލައިސަންސް ގެއްލެން. އަދި ކްރިމިނަލް ރިކޯޑެއް އޮންނަން. އެގޮތަށް ކަން ވެއްޖެނަމަ، ދިރިއުޅުމަށް އަސަރުކުރާނެ އަދި އެމެރިކާ އަށާއި ބައިނަލްއަގުވާމީ އެހެން ގައުމުތަކަށް ދަތުރުތައް ކުރަން އުނދަގޫވާނެ،" ޓްރޫޑޯ ވިދާޅުވިއެވެ.

އޮންޓާރިއޯގެ މި މުޒާހަރާތަކުގެ ބައިވެރިން ވަނީ ކެނެެޑާ އާއި އެމެރިކާ އާ ދެމެދު ވިޔަފާރީގެ މުއާމަލާތުތައް ކުރުމަށް ބޭނުންކުރާ ބްރިޖެއް ބަންދުކޮށްފައެވެ.

އޮންޓާރިއޯގެ ފަނޑިޔާރަކު ވަނީ އެ ބްރިޖު އަލުން އޮޕަރޭޝަނަށް ގެނެވޭނެހެން އަމަލުކުރުމަށް ހުކުމްވެސް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެ ހުކުމާ ދެކޮޅު ހަދާފައެވެ.

އޮންޓޭރިއޯގެ ޕްރެމިއަރ ޑަގް ފޯޑް ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، ވިޔަފާރި އާއި އިގުތިސާދީ މަސައްކަތަށް ބުރޫ އަރައިފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވާލަނީ، ތިޔަ ކުރާ ކަމުގެ އަދަބު ވަރަށް ބޮޑުވާނެ،" ޑަގް ވިދާޅުވި އެވެ.

ކެނެޑާގައި ޖެނުއަރީ މަހުން ފެށިގެން ފްރީޑަމް ކޮންވޯއިގެ ނަމުން ބޮޑު އިހުތިޖާޖެއް އަންނަނީ ކުރަމުންނެވެ.

މި އިހުތިޖާޖު ފެށިފައިވަނީ ކެނެޑާއާއި އެމެރިކާ ބޯޑަރު ހުރަސްކޮށް ދުއްވާ ޓްރަކް ޑްރައިވަރުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަކުރި ކަމުގެ ލިޔުން ދައްކަންޖެހޭނެކަމަށް ކަނޑައެޅި ހިސާބުންނެވެ.

އެ މައްސަލަ ހޫނުވެ، ކެނެޑާގެ ޓްރަކް ޑްރައިވަރުން ވަނީ ވެރިރަށް އޮޓާވާއަށްވެސް ހުއްޓުން ގެނެސްފައެވެ. އަދި ބޮޑު އިހުތިޖާޖުތަކުގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް ގެނެސްފައެވެ.