13 Mar 2012, 11:40
ކުލަބު ޖަމިއަޔާތަކާ ބެހޭ ގާނޫނާ ގަވާއިދާ ހިލާފަށް ކްލަބް ވެލެންސިއާގެ އިންތިހާބު ބާއްވައި މަގާމުތަކަށް މީހުން ހަމަޖައްސައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ދައުވަތު ދީގެން ގެންދިޔަ ހައެއްކަ މީހުންނާއެކު މިދިޔަ ހުކުރު ދުވަހުގެ ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ވެލެންސިއާގެ އާ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ ރާއީ މުހައްމަދު ރަޝީދެވެ. އޭނާ އަކީ ވެލެންސިއާގެ އެއް މުއައްސިސް އަދި އެފްއޭއެމުގެ ވައިސް ޕްރެޒިޑެންޓް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅެވެ.
މީގެ އިތުރުން ބޯޑުގެ 19 މަގާމަގަށް މީހުން ހަމަޖައްސާފައިވާއިރު އެ މަގާމުތަކަށް ހަމަޖެއްސި ބައެއް މީހުންނަށް އެ މީހުން ހަމަޖެއްސި ކަމެއް ވެސް ނޭނގެ އެވެ.
"މަގޭ ނަން ވެސް ޖަހާފައި އޮތީ. އެއީ 19 ހަމަކުރަންވެގެންނޯ. ދެން އެތާ ނުވެސް ތިބި ބައެއްގެ ނަންވެސް ޖަހާފައި އޮތީ. އެ މީހުންނަކަށް ނޭނގެ ޖެހި ކަމެއް ވެސް. ވޯޓުލައިގެނެއް ވެސް ނޫން މީހުން ހަމަޖެއްސީ. ވެލެންސިއާގަ އުޅޭ މީހުންކޮޅު ތިބީ ވެސް،"ނަން ނުޖަހަނަ ޝަރުތުކޮށް އަލަށް އެކުލަވާލި ބޯޑުގައި ހިމެނޭ މެމްބަރަކު ކިޔައިދިނެވެ.
ވެލެންސިއާގެ ބޯޑު މެމްބަރެއް ކަމަށްވާ އަހުމަދު މުހައްމަދު (ދޮނާ) ބުނީ މީޑިޔާ އަށް މައުލޫމާތު ދެވޭނީ ފަހުން ކަމަށެވެ. އަދި ބައްދަލުވުން ބޭއްވީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެން ކުލަބުތަކުން އިންތިހާބު ބާއްވިއިރު މީޑިޔާ އަށް ދައުވަތުދިން ނަމަވެސް ސިއްރިޔާރުގައި ވެލެންސިއާއިން އިންތިހާބު ބޭއްވީ ކީއްވެތޯ އެހުމުން ދޮނާ ބުނީ ހޯމް މިނިސްޓްރީ އަށް ދައުވަތުދިން ކަމަށެވެ.
ވެލެންސިއާގެ ބޯޑު 2007 ވަނަ އަހަރު އެކުލަވާލީ ވެސް އެއްވެސް އިންތިހާބެއްނެތި އެވެ. އެކުލަބުގެ މެމްބަރުންގެ ގޮތުގައި 40 ގާތްކުރާ އަދަދަކަށް މީހުން ރަޖިސްޓްރީކޮށްފައި ތިބިއިރު އެއީ މުޅިންވެސް 1980ގެ އަހަރުތަކުގައި ކުލަބުގެ މެމްބަރުކަން ހޯދި ފަރާތްތަކެވެ. ނަމަވެސް އޭގެ ފަހުން ތަފާތު ފަހަރުތަކުގައި ވެލެންސިއާގެ މެމްބަރުޝިޕް ކާޑު އެކިފަރާތްތަކަށް އެކުލަބުން ދޫކޮށްފައިވެ އެވެ. އަންނަ އޮގަސްޓް މަހު ބާއްވާ އެފްއޭއެމް އިންތިހާބުގައި ވޯޓުލާން ވެލެންސިއާ އަށް ފުރުސަތު ލިބޭނީ އެކުލަބުގެ އިންތިބާހު އޭގެ ކުރިން ބާއްވައިގެންނެވެ. މިއިންތިހާބުގައި މިފަހަރު ވެސް ވައިސް ޕްރެޒިޑެންޓް ކަމަށް ހިލަލީ ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.