12 Feb 2022, 23:01
މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރާ ކުޑަގިރީ ގައި މިސްކިތަކާއި އިންޖީނުގެއެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ އިތުބާރާއެކު ކަނޑައެޅިފައިވާ ދުވަހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"ރައްޔިތުންގެ ދަތި އިހްސާސްތައް ދުވަހުން ދުވަހަށް ހައްލު ހޯދައިދޭ ބައިވެރިޔާއަކީ ފެނަކަ ކަމަށް ވީތީވެ މި މަސައްކަތް ސަރުކާރުން މިކުންފުންޏާ ހަވާލުކުރީ،" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ސައީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު މާލޭގެ ރައްޔިތުން ޕިކްނިކްދެވޭވަރަށް މިސްކިތާއި އިންޖީނުގޭގެ މަސައްކަތް ނިންމުން ކަމަށެވެ.

ކުޑަގިރީގައި ފެނަކައިން އިމާރާތްކުރާ މިސްކިތުގެ ކުރެހުން-- ފޮޓޯ/ ފެނަކަ
އެ ޕިކްނިކް އައިލެންޑު ހެދުމުގެ މަސައްކަތަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއާއި ހަވާލުކުރީ ކަރަންޓު ކޭބަލް ވަޅުލުމުގެ މަސައްކަތެވެ. މިީގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރަން ހަމަޖެއްސީ އެމްޑަބްލިއުއެއްސީއެވެ.
މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
ރައީސް ސޯލިހުގެ އެ ވައުދު, އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ފުއްދުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރީ ކުޑަބަނޑޮހެވެ. ނަމަވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ. ކުޑަބަނޑޮހަށްވުރެ ކުޑަގިރި ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ރަށުގައި ޕިކްނިކް އައިލެންޑު ހެދުމަށް 41 މިލިއަން ރުފިޔާ ހަރުދުވާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.