12 Feb 2022, 17:42
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ސ. ފޭދޫގައި "މާމަކާފަ ޕާކު"ގެ ނަމުގައި އިސްރައްވެހިންނަށް ހާއްސަ ޕާކެއް މިއަދު ހުޅުވައިފިއެވެ.
ބީއެމްއެލުން ބުނީ މި ޕާކުގެ މަގުސަދަކީ އިސްރައްވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި، އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.
މި ޕާކުގައި ހިޔާވާނެ ހެން އަށި ބަހައްޓާފައި ހުރެއެވެ. އަދި ޕާކަށް ޒިޔާރަތް ކުރާ މީހުނަށް ކެރަމް، ތާސް އަދި ރާޒުވާފަދަ ކުޅިވަރުތައް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ އެހީގައި ސ.ފޭދޫގައި ގާއިމުކުރި މާމަކާފަ ޕާކު --- ފޮޓޯ/ ބީއެމްއެލް
މީގެ އިތުރުން އައްޑޫގެ ޖަމިއްޔާތަކާ ގުޅިގެން އެ ޕާކުގައި ހެލްތު ޗެކަޕްތަކާއި އަދި ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
އެ ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމުގައިވާ ޝިމްލާ އަހުމަދު ބުނީ މިއީ އެރަށުގެ މާމަމެންނާއި ކާފަމެންނަަށް އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ފަހި މާހައުލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި، ހެލިފެލިވެ އުޅޭ މާމަމެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން" އޭނާ ބުންޏެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ބޭންކުން ވަނީ ފާއިތުވި އަހަރުތަކުގައި ޖުމްލަ 60 ޕްރޮޖެކްޓަކަށް އެހީވެފައެވެ. މީގެ ތެރޭގައި ޕާކުތަކާއި، މައިޒާންތަކާއި، ލައިބްރަރީތައް ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.