އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ލެބޯޓްރީ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

އަޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ވަނީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތަކަށް ބަދަލުގެނެސްފައިވީ ނަމަވެސް މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް އެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށް ލޭނެގުމުގެ ޚިދުމަތްދޭނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން ހަވީރު 16:00އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ލެބޯޓްރީން ލޭނެގުމުގެ ޚިދުމަތް ދިނީ ހެނދުނު 08:00އިން މެންދުރު 02:00 އާހަމައަށެވެ.

ކޮވިޑްގެ ސަބަބުން އައިޖީއެމްއެޗްއިން ވަނީ ދުރާލާ ތާވަލްކޮށްގެން ހަދާ ސާޖަރީތައްވެސް މިދިޔަ މަހު މެދުކަނޑާލާފައެވެ. ނަމަވެސް އޭރު ހުއްޓާލި ސާޖަރީގެ ޚިދުމަތްތައްވެސް މިހާރު އަލުން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.