ފާއިތުވި ޖަނަވަރީ މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 44 އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ޖުމްލަ 421 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓު ކުރެވުނީ 327 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން ބޭރުކުރެވޭ މުދަލުގެ ތެރެއިން އެންމެ ގިނައީ ކަޅުބިލަމަހާއި، ގަނޑުކުރި ކަންނެއްޔެވެ. މިދިޔަމަހު 33 މިލިއަން ރުފިޔާގެ ކަޅުބިލަމަހުގެ ބާވަތްތައް ބޭރުކުރި އިރު 29 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ބޭރުކޮށްފައި ވެއެވެ.

ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 54 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ މުދާ ބޭރުކުރި އިނގިރޭސިވިލާތަށް ޖުމްލަ އަދަދުގެ 10 އިންސައްތަ މުދާ ބޭރުކުރިއިރު، ތިންވަނަ އަށް އޮތް މޮރިޝަސް އަށް ބޭރުކުރީ ހަތް އިންސައްތަ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް ވަނީ 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީމަހާ އަޅާ ބަލާއިރު 49 އިންސައްތައިގެ ކުރިއެރުމެކެވެ. އޭރު އެތެރެކުރެވުނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ މެޝިނަރީސް އާއި ކާބޯތަކެތީގެ އިތުރުން ތެލެވެ. އެގޮތުން 841 މިލިއަން ރުފިޔާގެ މެޝިނަރީސް އެތެރެކޮށްފައި ވާއިރު، 815 މިލިއަން ރުފިޔާގެ ކާބޯތަކެތި އަދި 722 މިލިއަން ރުފިޔާގެ ތެޔޮ ވަނީ އެތެރެކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާއިންނެވެ. އެގައުމުން ޖުމްލަ އެކްސްޕޯޓުގެ 20 އިންސައްތަ ހިއްސާކުރެއެވެ. ތެލުގެ ބާވާތްތައް ރާއްޖެއަށް އެތެރެކުރާ މައި ގައުމު، އޮމާން އޮތީ ލިސްޓުގެ ދެވަނައިގައެވެ. އެގައުމުން ހިއްސާކުރަނީ 14 އިންސައްތައެވެ. ތިންވަނައިގައި އޮތް އިންޑިއާއިން 12 އިންސައްތައިގެ މުދާ އެތެރެކުރިއެވެ.

އެއާއެކު މިދިޔަ މަހު މި ހަރަކާތްތަކުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 312 މިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީމަހު ލިބުނު 240 މިލިއަނާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.