ރަޝިއާއާއި އެމެރިކާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިފަދައިން ވިދާޅުވެފައިވަނީ އެން.ބީ.ސީ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ ވާހަކަ ބައިޑަން ދައްކަވާފައިވަނީ އެމެރިކާއާއި ރަޝިއާ އާ ދެމެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިއާއިން ޔޫކްރެއިން ހިސޯރު ކޮށްފާނެކަމުގެ ބިރު ހީވެފައިވާކަމަށް ބުނެ އެމެރިކާއިން ވަނީ ޔޫކްރޭނަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި ޔޫކްރޭނުން ވަނީ އެ ގައުމުގެ ސިފައިންނާއި ރިޒާވް ޓްރޫޕުން ހަނގުރާމައަކަށް ތައްޔާރުކުރަން ފަށާފައެވެ.

ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅިގެން ނުވާނެކަމަށް ރަޝިއާއިން އަންނަނީ ބުނަމުންނެވެ. ރަޝިއާއިން މިހެން ބުނެފައިވަނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިއާއިން ޔޫކްރޭނު ހިސޯރުކޮށްފާނެކަމަށް އެމެރިކާއިން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރަޝިއާއިން އެފަދަ އަމަލެއް ހިންގުމުގެ ވިސްނުމެއް ނެތްކަމަށް ރަޝިއާގެ ރައީސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރޭން ހިސޯރުކޮށްފި ހާލަތެއްގައި ޔޫކްރޭނުގައި ހުރި އެމެރިކާގެ އެމްބަސީ ފެއިލްވެދާނެކަމުގެ ބިރު އޮތުމާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ވީ އެންމެ އަވަހަކަށް ޔޫކްރޭނުން އެމެރިކާ ރައްޔިތުން ފޭބުމަށް އަންގާފައެވެ.

ނަމަވެސް ޔޫކްރޭނުގައ ތިބި އެމެރިކާ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އެމެރިކާ ސިފައިން ނުފޮނުވާނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ފިނިކުރުމަށް ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ރަޝިއާގެ ރައީސް ޕޫޓިން އާއެކު މަޝްވަރާކުރުންތަކެއް ބާއްވާފައެވެ.

މި މަޝްވަރާކުރުންތަކުގައިވެސް ޕޫޓިން ވަނީ ރަޝިއާގެ ސްޓޭންޑް ސާފުކޮށްދެއްވާފައެވެ. އަދި ޔޫކްރޭނުން ނޭޓޯގައި ބައިވެރިވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.