ބޭރުގައުމުތަކުން އިންޑިއާއަށް ދަތުރުކުރާ މީހުންގެ ތެރެއިން ކަރަންޓީނު ވާންނުޖެހޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންގައި ވަނީ މިމަހުގެ 14އިން ފެށިގެން ދެގައުމުގެ ވެކްސިން ސެޓްފިކެޓްތައް ބަލައިގަތުމަށް އިންޑިއާ އާއެކު އެއްބަސް ވެފައިވާ ގައުމުތަކާއި، އިންޑިއާގެ ރައްޔިތުން އެ ގައުމުތަކުގައި ކަރަންޓީނުވާން ނުޖެހޭ ގައުމުތަކުން އެ ގައުމަށް އަންނަ މީހުން ކަރަންޓީނު ވާކަށް ނުޖެހޭނެ ކަމަށެވެ.

އޮމިކްރޯން ވޭރިއެންޓު ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަކޮށް، އިންޑިއާ އަށް ދަތުރުކުރާ އެންމެން ހަތް ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ.

އެ ގައިޑްލައިންގައިވާ ގޮތުން، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން، 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ.

އަދި އެ ހުށަހަޅާ މައުލޫމާތުގެ ސައްހަ ކަމަށާއި، ކޮވިޑާ ގުޅިގެން އިންޑިއާގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރަން އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއާ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭނެއެވެ.

އަދި، އެގައުމަށް ދަތުރުކުރާ ކޮންމެ ފްލައިޓަކުން ދެ އިންސައްތަ މީހުން ރެންޑަމްކޮށް ޓެސްޓުކުރުމަށް ވެސް އިންޑިއާއިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު، އިންޑިއާ އަކީ ކޮވިޑުގެ ހާލަތު އެންމެ ގޯސްވި އެއްގައުމެވެ. އެ ބަލީގައި މިހާތަނަށް 507،981 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، އާބާދީގެ ބޮޑު ބައެއް ވެކްސިން ޖެހުމާއެކު މިހާރު އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.