12 Feb 2022, 09:41
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް އައްޑޫގެ ބައެއް ޓެކްސީ ސެންޓަރުތަކުން "އިންޑިއާ އިން" ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
އައްޑޫގެ ދެ ޓެކްސީ ސެންޓަރަކުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އިންޑިއާއަށް ތާއިދުކޮށް، ވެހިކަލް ބުރެއް ވަނީ ބާއްވާފައެވެ. ނަމަވެސް ބައިވެރިވީ ވަރަށް މަދުބައެކެވެ.
މި ވެހިކަލް ބުރުގެ ބައިވެރިން ވަނީ އިންޑިއާ އާ ގުޅޭގޮތުން ތަފާތު ޝުޢޫރުތަކެއް ފާޅުކޮށްފައެވެ. އެގޮތުން ޕޯސްޓަރުތަކުގައި އަވަށްޓެރި ޤައުމުތަކާ ގުޅުން ދަމަހައްޓަންޖެހޭކަމަށް ވަނީ ލިޔެފައެވެ. އަދި ޕެނެޑޯލްވެސް އެތެރެކުރަނީ އިންޑިއާއިން ކަމަށް ޕޯސްޓަރުތަކުގައި ވަނީ ލިޔެފައެވެ.
މީގެއިތުރުން އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މަޝްރޫޢުތައް ނުހުއްޓޭނެ ކަމަށާއި، އިންޑިއާ ދެކެ ލޯބިވާކަމަށް ވެހިކަލް ބުރުގެ ބައިވެރިންގެ ޕޯސްޓަރުތަކުގައި ވެއެވެ.
އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތާއި، އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތް މީގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުގެ ވާހަކަތައް މިދިޔަ އަހަރު ދެކެވެން ފެށުމާއެކު "ސޭވް އައްޑޫ"ގެ ނަމުގައި މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދިޔައެވެ.
އެ ކެމްޕޭނަށްފަހު އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ކޯލިޝަނުން އަންނަނީ އިންޑިއާ އައުޓްގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.