13 Mar 2012, 11:05
މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެ މާލީ ބަޔާން އާންމުކޮށްފައިވާ ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖޫރިމަނާކޮށްފި އެވެ.
ޕަބްލިކް ކުންފުނިތަކުން ކޮންމެ ތިން މަސްދުވަހެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ މުއްދަތުގެ މާލީ ރިޕޯޓު އާންމު ކުރަން ޖެހެ އެވެ.
ސީއެމްޑީއޭ އިން ބުނީ މާލީ ބަޔާން އާންމު ނުކޮށްގެން ބީއެމްއެލް 10،000ރ. އިން ޖޫރިމަނާ ކުރީ މާލީ ބަޔާން ހުށަހެޅުމަށް އެ ކުންފުންޏަށް ދިން އިތުރު 37 ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވީއިރު ވެސް މާލީ ބަޔާން އާންމުކޮށްފައިނުވާތީ ކަމަށެވެ.
ސީއެމްޑީއޭ އިން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން މާލީ ބަޔާން އާންމުކުރުމަށް ބޭންކަށް އަންގައިފަ އެވެ. ސީއެމްޑީއޭ އިން ބުނީ އަންނަ ބުރަސްފަތި ދުވަހުގެ ނިޔަލަށް މާލީ ބަޔާން އާންމު ނުކުރާނަމަ އިތުރަށް ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެ މައްސަލައިގައި ބީއެމްއެލްއިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ ބަޔާން ލަސްވަނީ ބޭންކުގެ އަހަރީ އޯޑިޓް ކުރިއަށް ގެންދާތީ ކަމަށާއި އެމްއެމްއޭއިން ކަޑައަޅާފައިވާ ގޮތަށް އަހަރީ އޮޑިޓް ނިންމާ މިދިޔަ އަހަރުގެ މާލީ ހިސާބުތަށް އެޕްރީލް 30ގެ ކުރިން އާންމުކުރާނެ ކަމަށެވެ.
"ސީއެމްޑީއޭގެ އުސޫލުތަކަށް ބޭންކުން އަމަލުކުރާ ފަދައިން މާލީ އިދާރާތަށް ރެގިއުލޭޓް ކުރާ އެމްއެމްއޭގެ ގަވާއިދުތަކައްވެސް ބޭންކުން ދަނީ އަމަލުކުރަމުންނެވެ،" ބީއެމްއެލްއިން ފޮނުވި އީމެއިލްގައިވެ އެވެ. "އަހަރީ އޮޑިޓްގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައި ހަތަރު ވަނަ ކުއާޓާގެ މާލީ ހިސާބު ނެރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކެމެވެ،"
ބީއެމްއެލް ފިޔަވައި އެސްޓީއޯ، އެމްޓީސީސީ، އެމްޓީޑީސީ އަދި ދިރާގުން ވެސް މިހާރު ވަނީ ކުއާޓާ ރިޕޯޓް އާންމުކޮށްފަ އެވެ.