ޓެސްޓް ކުރުން ބޮޑުތަނުން މަދުވެ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް ވުރެން ދަށް ވެއްޖެއެވެ.

ވޭތުވެތެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 986 މީހުނެވެ. އެއީ 3936 ސާމްޕަލްގެ ތެރެއިންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 206 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އަތޮޅުތެރެއިން 596 މީހުން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 109 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން ހާހުން ދަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު 7273 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 954 މީހުނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ފަސް ހާހާއި ހަތް ހާހާ ދެމެދުގެ އަދަދަކަށް ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު ތިންހާހާ ގާތަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ޖެހިގެން 49 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު, ރާއްޖޭގެ އެކްޓިވް ކޭސް ހުރީ 16,227 ގައެވެ.

ރާއްޖެ އިން މިހާތަނަށް 287 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.