އިރަމް ނުވިސްނާ ހުއްޓައި އައިޒަކް އޭނާގެ މޫނާއި ދިމާއަށް ކުޑަކޮށް ގުދުވެލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ކޮށްލި ކަމަކުން އިރަމްއަށް ތެޅިގަނެވުނެވެ. އެވަރުންވެސް އައިޒަކް އިރަމް ދޫކޮށެއް ނުލިއެވެ. އައިޒަކް ދުރަށްޖެހިލީ އޭނާ ހިތްފުރޭވަރު ވުމުންނެވެ. އެ ނަޒަރު އޭރުވެސް ހުއްޓިފައިވީ، އިރަމްގެ ތުންފަތަށެވެ. އިތުރަށް އެ އަންހެންކުއްޖާ އާއި ގާތްވެލުމަށް އޭނާ ބޭނުންވެފައި ހުރި ކަހަލައެވެ. އިރަމްއަށް އޭނާގެ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. ގަބުވިގޮތަށް ދެލޯ ބޮޑުކޮށްގެން އައިޒަކަށް ބަލަން އިރަމް ހުއްޓެވެ.

********

"މިހާރު ހުރިހާ ރުޅިކޮޅެއް ގޮއްސިދޯ؟..." ދެ އިނގިލިކުރިން އިރަމްގެ ނޭފަތުގައި ހިފައިލަމުން އައިޒަކް ބުނެލިއެވެ.

އިރަމް ގަބުވެފައި ހުއްޓައި، ޓީޝާޓު ލައިގެން އައިޒަކް ކޮޓަރިން ބޭރަށް ނުކުތެވެ. އިރަމް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ލަސްލަހުންނެވެ. މޭގައި އަތުން ހިފަހައްޓައިލިގޮތަށް، އޭނާއަށް އިސްތިރިކުރާ މޭޒުގައި ލެނގިލެވުނެވެ. އައިޒަކް އެ އުޅޭގޮތުން އޭނާ މޮޔަވެދާނެއެވެ. ކުއްލިއަކަށް ކޮށްލާ ކަންކަމުން އިރަމްގެ ހިތް ހުއްޓޭވަރުކޮށްލައެވެ. ކޮންމެ އިމްތިހާނަކުންވެސް އިރަމް ވަނީ ފެއިލްއެވެ. ކިތަންމެ ވިސްނައިގެން ހުއްޓަސް އައިޒަކްގެ ގޯނާތަކުން އޭނާއަށް ސަލާމަތްވެވޭގޮތެއް ނުވެއެވެ.

"އައި ހޭޓް ޔޫ... އައި ހޭޓް ޔޫ..." އުނދަގޫ ގޮތަކަށް އިރަމް ބުނެލިއެވެ.

އައިޒަކަށް ނަފުރަތު ކުރަން އިރަމް ބޭނުންވެއެވެ. ކައިރިވާން ދެކޮޅުހެދުމަށް ހިތް ގޮވައެވެ. އެހެނަސް، އެ ހުރިހާ ކަމަކަށް އޭނާގެ ޒަމީރު ދެކޮޅުހަދަމުން ދަނީއެވެ. އެންމެ ގާތްވެލުމަކުންވެސް، ހުރިހާ އިހުސާސެއްގެ މައްޗަށް އެހެން އިހުސާސެއް ގަދަވެގަންނަނީއެވެ.

އައިޒަކް ބަދިގެއަށް ވަންގޮތަށް ފަހަރަކު ތަނެއް ހޯދަން ފެށިއެވެ. އޭނާ ބޭނުންވިހެން މާކިން ހުރީ ކެއްކުމަށް ބޭނުންވާނޭ ހުރިހާ އެއްޗެއްހެން ހަމަކޮށްދީފައެވެ. އައިސްއަލަމާރި ތަރުކާރީ އާއި މޭވާއިން ފުރާލާފައި ހުރިއިރު، ތަފާތު ކާއެއްޗެހިން ބަދިގޭގެ ކަބަޑުތައްވެސް ހުރީ ފުރާލާފައެވެ. އައިޒަކް ފަހަރަކު ތަނެއް ބަލަން ހުއްޓައި އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ މާކިން ކަން އެނގުމުން އައިޒަކްގެ މޫނުން ފެނުނީ ހަމަޖެހުމުގެ އަސަރެވެ.

"ރަނގަޅު ގަޑިއެއްގައޭ ތި ގުޅީ..." މާކިން އެއްޗެއް ބުނުމުގެ ކުރިން އައިޒަކް ބުނެލިއެވެ. "އަންހެންކުދިން އެންމެ ކާހިތްވާނީ ކޯއްޗެއްތަ؟..."

މާކިން ފުރަތަމަވެސް ޖަހައިލީ ހިނިގަނޑެކެވެ.

"އަދި މަ ހީކުރީ މާ ސީރިއަސް ވާހަކައެއް ދައްކަން އުޅޭނީ ކަމަށޭ..." ހިނިގަނޑު މައިތިރިކުރަމުން މާކިން ބުންޏެވެ.

"ސީރިއަސްކޮށް ބުނެބަލަ..." އައިޒަކް އެދުނެވެ.

"ޕިއްޒާ... ސަބްމެރީން.. ބާގާ... އީޓީސީ..." މާކިން ހުރީ މަޖާ މޫޑެއްގައެވެ.

"އޯޑަރު ކުރާކަށް ނޫނޭ... އަވަހަށް ކެއްކޭނެ އެއްޗެއް ބުނެބަލަ..." ހިތް އަވަސްވެފައިވާ ރާގަކަށް އައިޒަކް ބުނެލިއެވެ. އިރަމް އައުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކައްކަން އޭނާ ހުރީ ބޭނުންވެފައެވެ.

"ކައްކަން؟... ޒެކް؟..." އަކުރުތަކަށް ދަމައިލަމުން މާކިން ބުނެލީ ގަބޫލުނުކުރެވިފައި ހުރި ރާގަކަށެވެ. "ޒެކްއަށް ކެއްކޭނީ ކުކުޅުބިހެއް..."

މާކިން ހީގަތެވެ.

"ކިހިނެއްވީ؟... މައްސަލައެއްތަ؟..." އައިޒަކް އަހައިލިއެވެ. "އަހަރެންގެ ހޭންޑްސަމްކަން ދައްކައިގެން އެކުއްޖާގެ ހިތް އަތުލުމެއްނު މަގުސަދަކީ... ދެތިން ދުވަސްތެރޭ ހިތް ދަމައިގަނެވޭނީ މިކަހަލަ ކަންކަން ކޮށްގެން..."

އައިޒަކް ދެއްކި އުޒުރުގެ މޮޔަކަމުން މާކިންއަށް އިތުރަށް ހެވުނެވެ. އައިޒަކް އެއްބަސްނުވާން އުޅުނަސް، އޭނާ އިރަމްއަށް ހުރިހާ ކަމެއް ކޮށްދެނީ އެ ހިތުގައި އޮތް ލޯތްބެއްގެ ސަބަބުންކަން މާކިންއަށް އެނގެއެވެ. އެކަމަކު އެކަމާއި ގުޅުވައިގެން އޭނާ އެއްޗެއް ނުބުނެއެވެ.

"ބަތް ކައްކާ..." މާކިން ލަފާދިނެވެ. "ރިހާކުރާ ތެލުލިފަތާ އެއްޗެހިވެސް ހުންނާނެ ކަބަޑުގަ..."

އިރަމް ތައްޔާރުވެލައިގެން ނުކުތްއިރު، މުޅި ގޭތެރޭގައި ހިފާލާފައިވީ އެއްޗެއް އަނދާ ވަހެވެ. ބަދިގެ ބައިން އައިޒަކް ނުކުތީ އިރަމް ސިޓިންގްރޫމުގައި ހުއްޓައެވެ. އައިޒަކް ހުރީ، އޭޕްރޯން އަޅައި، ދެ އަތަށް އަންގިވެސް ލައްވައިގެންނެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ދެލޯ ރަތްވެފައިވާއިރު، އޭރުވެސް ލޮލުން ކޮންމެވެސް ވަރަކަށް ފެން އަންނަމުން ދިޔައެވެ. އައިޒަކް ހުރިގޮތުން އިރަމްގެ ކައިރިއަށް ހިނިވެސް އައެވެ.

ކާގެއަށް ވަން އިރަމްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އުނދުންމަތީގައި ހުރި ތެއްޔެވެ. ފިޔާތައް އަނދައިގެން ތެލީގެ އެތެރެވެސް އޮތީ ކަޅުވެފައެވެ. މުޅި ގޭގައި ހިފާލާފައި ހުރީ އޭގެ ވަސްކަން އިރަމްއަށް އެނގުނީ ދެނެވެ. އައިޒަކް އަވަހަށް ގޮސް ތެލީގައި މަތިޖަހައި ފޮރުވިއެވެ. މުޅިތަނަށް އެއާފްރެޝްނަރ ޖަހާފައި އައިޒަކް އައިސް އިރަމްގެ ކައިރީގައި ހުއްޓުނެވެ.

"ކެއުން ތައްޔާރު..." އައިޒަކް ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

މޭޒުމަތީގައި ދެ ތަށި ހުރިއިރު، ކޮންމެ ތައްޓަކަށްވެސް ހުރީ ބަތްއަޅާފައެވެ. ތަށީގެ އެއްފަރާތުގައި ލުނބޯކޮޅަކާއި މިރުސްކޮޅެއްގެ އިތުރުން ފިޔާކޮޅެއް ލާފައި އޮތެވެ. ތަށީގެ މެދުގައި ހިތެއްގެ ބައްޓަމަށް ކަފާލާފައިވާ ކެރެޓްކޮޅުތަކަކާއި ކިއުކަންބާކޮޅުތަކެއް ހުއްޓެވެ. ރިހާކުރާއި ތެލުލިފަތް ހުރީ ވަކި ދެ ތައްޓެއްގައެވެ. އިރަމް އިށީނުމަށް އައިޒަކް ގޮނޑި ދަމާލަދިނެވެ.

ފުރަތަމަ ފަހަރަށް ބަދިގޭގެ ކަމެއް ކުރެވުމުން، އައިޒަކް ހުރީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ. އޭނާގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލައިނުދެއެވެ. އިރަމް ހިތުގައި އޮތް އެއްޗެއް އެނގޭހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. އިރަމް ކާލާފައި މީރޭ ބުނާނެ އިރަކަށް އައިޒަކަށް އިންތިޒާރުކުރެވުނެވެ. ފުރަތަމަ އެތިކޮޅު އަނގަޔަށްލައި ހަފާލިގޮތަށް އިރަމްގެ ހަރަކާތް ހުއްޓުނެވެ. އައިޒަކްގެ މޫނަށް އޭނާ ބަލައިލިއެވެ. އައިޒަކް އިނީ އިރަމްގެ ބަހެއް އަޑުއަހަން ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތަކަށް އެ މޫނަށް ބަލާށެވެ.

"މީރުދޯ... މިކަހަލަ ފިރިއަކު ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް..." އިރަމް ބަތްކޮޅު ދިރުވައިލި ތަން ފެނުމުން، އައިޒަކް ފަހުރުވެރިވެލާފައި ބުނެލިއެވެ.

ބަތްކޮޅެއް ކާލިގޮތަށް އައިޒަކްގެ މުޅި މޫޑު ހަރާބުވިއެވެ. އަނގަޔަށް ލީ އެތިކޮޅު ނުވެސް ހަފައި އޭނާއަށް ޖެހުނީ ދިރުވައިލާށެވެ. ބަތް ހަރުކަމުން ހީވަނީ ހަނޑޫ ހެންނެވެ. އޭގައި ލޮނުރަހައެއް ނުލައެވެ. އިރަމްގެ ކައިރީގައި ފޮނިކަނޑާފައި ކަންތައް ވީގޮތުން އައިޒަކް އިނީ ލަދުން ހަލާކުވާން ކައިރިވެފައެވެ.

"މިހާރު ހުންނަ ހަނޑޫ ހާދަ ސަކަރާތޭ... އެކަހަލަ އެއްޗެހި ނުވާނެ މީހުންނަށް ވިއްކާކަށްވެސް..." އައިޒަކް އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ފެށިއެވެ. "ފިހާރައިގެ ހުއްދަވެސް ޖެހޭނީ ބާތިލުކުރަން..."

ހިނި އައިވަރުން އިރަމް އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އައިޒަކް ވަގުތުން އިރަމްގެ ތައްޓާއި އޭނާގެ ތަށީގައި ހުރި އެއްޗެހި ޑަސްބިނަށް އަޅައިލިއެވެ. އަދި ތަށިތައް ދޮވެފައި އެނބުރި އައެވެ.

"ހިނގާ ބޭރަށް ކާންދާން..." އައިޒަކް އެދުނެވެ.

"ގޭގަ އެއްޗެއް ކައްކަންތަ؟..." އިރަމް އަހައިލިއެވެ.

"ވައިފް ބޭނުންގޮތެއް..." އައިޒަކް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުންޏެވެ.

ކައްކަން އުޅުނު އިރަމްގެ ހަރަކާތްތަކަށް ބަލަން އައިޒަކް އިނީ ކާމޭޒު ކައިރީގައެވެ. އިރަމް ލައިގެން ހުރީ އަތްކުރު ހުދު ޓީޝާޓުކޮޅަކާއި، ޖީންސެކެވެ. ތެމިފައިވާ އިސްތަށިގަނޑު އެއްފަރާތަކުން ގެންގޮސް ކުރިމައްޗަށް ވައްޓާލާފައި އޮތްއިރު، އޭނާގެ ދޮން ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. ކެތް ނުވެގެން އައިޒަކް ތެދުވިއެވެ. އިރަމްގެ ފުރަގަހުގައި ހުއްޓިފައި، ފުރަގަހުން ބައްދައިލިއެވެ. އެއަށްފަހު، އިރަމްގެ ކަނދުރާގައި ދަތްދޮޅި ޖައްސައިލިއެވެ. އިރަމްގެ އިސްތަށިގަނޑުން ދުވި މީރުވަހުން އައިޒަކަށް ދެލޯ މަރައިލެވުނެވެ.

އިރަމް ކައްކާ ނިމެންދެންވެސް އައިޒަކް އުޅުނީ އެހެންނެވެ. އިރުއިރުކޮޅާ ކޮންމެވެސް ގޯނާއެއް ކޮށްލައެވެ. ކޮލަށް ބޮސްދެއެވެ. ނޫނީ، އިރަމްގެ އަތުން ކައްކާފައި ހުރި ތެލިން އެތިކޮޅެއް ނަގުވައިގެން ކާލައެވެ. ބައެއްފަހަރު ކޮނޑުމަތީގައި ބޯއަޅާލައިގެން ހުރެއެވެ. އައިޒަކް އިރަމްއާއި އެންމެ ވަގުތުކޮޅަކަށްވެސް ދުރަށް ނުދެއެވެ.

ނޫޑްލްސް ތެލި އުނދުންމަތިން ބާލާފައި، އިރަމް ހުރީ ކެރެޓް ކޮށާށެވެ. އައިޒަކްގެ ގޯނާތަކަށް ކިތަންމެ ވިސްނައިގެން ހުއްޓަސް، އެފަހަރު އޭނާއަށް ސަލާމަތެއް ނުވެވުނެވެ. އިރަމްގެ ފުރަގަހުން އައިޒަކް އޭނާގެ ބަނޑުގައި އަތް ޖައްސައިލުމާއިއެކު، ހަދައިލެވުނުގޮތަކުން އިރަމްގެ އިނގިލި ކަނޑައިގެން ދިޔައެވެ.

"ސޮރީ ސޮރީ..." އައިޒަކް ހާސްވިއެވެ.

އޭނާ ވަގުތުން އިރަމްގެ އަތުގައި ހިފެހެއްޓިއެވެ. ސިންކު ކައިރިއަށް ގޮސް އިނގިއްޔަށް ފެންއަޅާފައި، ފަސްޓް އެއިޑް ބޮކްސް ނެގިއެވެ. ކާމޭޒު ހުރީ ތަންކޮޅެއް ދުރުގައިކަމުން، ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އައިޒަކް އިރަމް އުފުލައިލިއެވެ. އެއަށްފަހު ކަބަޑުމަތީގައި ބޭންދިއެވެ.

"ސޮރީ... ދެން ކައްކާއިރު އުނދަގުލެއް ނުކުރާނަން..." ބޭސްއަޅަން ހުރެގެން އައިޒަކް ވާހަކަ ދައްކަމުން ދިޔައެވެ.

އިރަމް އިނީ ކަޅި ޖަހާވެސްނުލައި އައިޒަކަށް ބަލާށެވެ. އޭނާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އައިޒަކްގެ ކޮންމެ އަމަލެއް އޭނާ އިރަމްދެކެވާ ލޯބި ހާމަކޮށްދެމުންދާއިރު، ގަދަކަމުން ހިތުގައި ނަފުރަތުގެ ހުޅު ރޯކުރަން މަސައްކަތްކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަމިއްލަ ހިތާއި ހަނގުރާމަކޮށްކޮށް ވަރުބަލިވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އުފާވެރި ހަޔާތަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލުނުކުރަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ވީއިރު، އަމިއްލަ އުފާތައް ގުރުބާންކުރުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

ބޭސްއަޅައި ނިންމާފައި އައިޒަކް އިރަމްއަށް ބަލައިލީ ކޮންމެވެސް އެއްޗެއް ބުނަން ތައްޔާރުވެލައިގެންނެވެ. ފެންކަޅިވެފައިވާ އިރަމްގެ ދެލޮލުން ފެނުނު ތަފާތު ޝުޢޫރެއްގެ ސަބަބުން އައިޒަކްގެ ހަރަކާތް ހުއްޓުނެވެ. އެ ނަޒަރު ތަފާތުވިއެވެ. އިރަމްގެ ދެލޮލުން ބުނެދެމުންދިޔަ ވާހަކަތައް އޭނާ ތަރުޖަމާކޮށްލި ކަހަލައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވެގެންދިޔަ ވަގުތުކޮޅު ނިމުނުއިރު، ދެމީހުން ތިބީ އެކަކު އަނެކަކާއި ވަކި ނުވެވޭހައި ކައިރީގައެވެ. ވައިރޯޅި އަކަށްވެސް އެ ދެމެދަށް ވަންނާނެ ފުރުސަތެއް ނެތޭ ބުނާފަދައެވެ. އިރަމް ލޯ މަރައިލީ އައިޒަކް ބޭނުންވި ފުރުސަތު ފަހިކޮށްދެމުންނެވެ.

********

މާކިން ދުވެފައި ގެއިން ނުކުތްއިރު، އޭނާ ލައިގެން ހުރީ ނިދަންލާ ސޯޓުކޮޅާއި، އަތްކެނޑި ޓީޝާޓެކެވެ. އަވަސްކުރަން ހަދައިގެން އޭނާއަށް އެރުނީވެސް، ބޭރު ކަބަޑުގައި ބަހައްޓާފައި ހުރި އަންހެންކުއްޖެއްގެ ފައިވާނަކަށެވެ. އައިޒަކްގެ ގެ ހުސްކޮށް ހުރުމާއިއެކު، މާކިން އޭނާގެ ލޯބިވެރިޔާއަށް ގެއެއް ހަމަޖެހެންދެން އެގޭގައި ބެހެއްޓީ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. ވިޝްކާ ކުއްލިއަކަށް އޭނާގެ މަންމައާއިއެކު އެގެއަށް ދާން އުޅުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ފޮރުވިފައިވާނޭކަން އޭނާއަށް އެނގުނެވެ.

މާކިން ދުވެފައި ގޮސް ގޭގެ ބެލް އަޅައިލިއެވެ. އެތެރެއިން އަންހެންކުއްޖާ ދޮރު ހުޅުވައިލުމާއިއެކު، އެ ކުއްޖާގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް، ސިޑިން ތިރިއަށް ބޭލުވިއެވެ.

"ސޮރީ... ސޮރީ... ސޮރީ.... ކުޑައިރުކޮޅަކަށް އިހަށް ބޭރުގަ ހުރެލާ..." ސިޑިން މައްޗަށް އަރަމުން މާކިން ވާހަކަ ދެއްކީ އެކުއްޖާ ހުރި ހާލެއް ބަލައިވެސްނުލައެވެ.

މާކިން ގެއަށް ވަދެ، ތަންތަން ތަރުތީބު ކުރަން ފެށިއެވެ. އަންހެންކުއްޖާގެ ސާމާނުތައް ސޯފާތަކުގެ އަޑިއަށާއި، ބާލީސްތަކުގެ ދަށަށް ލައި ފޮރުވިއެވެ. ގިނައިރެއްނުވެ ގޭގެ ބެލް ޖަހައިލި އަޑު އިވުނެވެ. ހުރިހާ ކަމެއް ރަނގަޅުތޯ ބެލުމަށްފަހު، މާކިން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ވިޝްކާގެ ނަޒަރު މާކިން ލައިގެން ހުރި އަންނައުނުން ފައިވާނަށް ހުއްޓުނެވެ. މާކިން ހުރިގޮތް ފެނުމުން ވިޝްކާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ތީ އަންހެނެއްތަ؟..." އެތެރެއަށް ވަންނަމުން ވިޝްކާ ބުނެލީ މަލާމާތުގެ ރާގަކަށެވެ.

މާކިން ދަތްކުނޑި ވިކައިލިއެވެ. އޭނާ ވަގުތުން އަރައިގެން ހުރި ފައިވާން ނަގައި ކައިރީގައި ހުރި ކަބަޑުގެ ފުރަގަހަށް ލިއެވެ. ވިޝްކާ ފެނުމުންވެސް މާކިންގެ ލޭ ހޫނުވެއެވެ. އަންހެނުންގެ ތެރެއިން އޭނާ ހަމައެކަނި ފޫހިވާ އަންހެންކުއްޖަކީ ވިޝްކާއެވެ.

"މާކިން..." މާކިން ފެނުމުން، ޒަރީނާ ގޮވައިލީ ނުހަނު ލޯބިންނެވެ. "މިފަހަރު އައިފަހުން އަދި ދައްތަގެ ލޯކުރިމައްޗަށް ނުވެސް އައިސް ތިއުޅެނީ..."

"ދައްތަ ހާދަ ޒުވާނޭ މިހާރު...." އާދައިގެމަތިން މާކިން ޒަރީނާއަށް ތައުރީފުކޮށްލިއެވެ. "ދައްތަގެ ދަރިން ނުހަދާ އެކައްޗަކަށްވެސް... ދަރިން ހީވޭ މާ މުސްކުޅިހެން..."

ޒަރީނާ ތުއި ގޮތަކަށް ހިނިތުންވެލިއިރު، ވިޝްކާ މާކިންއަށް ބަލައިލާފައި ދަތްކުނޑި ވިކައިލިއެވެ. މާކިން އޭނާގެ ކިބައިން ބަދަލެއް ހިފީކަން ވިޝްކާއަށް އެނގުނެވެ. ނޭނގޭކަމަށް ހަދާފައި މާކިންގެ ފަޔަށް އެރުމަށްފަހު ވިޝްކާ މައާފަށް އެދުނެވެ.

"ބޮޑެތި ބެރިތައް ކުރިމަތީ ހުންނަންޏާ މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ... ސޮރީ..." ވިޝްކާ ދެރަވާކަމަށް ހެދެމުން ބުންޏެވެ.

މާކިންގެ ރުޅިގަނޑު ފަޅައިގެން ގޮސް، އަތް މުށްކަވައިލިއެވެ. ވިޝްކާ އަވަހަށް ދުރަށްޖެހުނެވެ. އެއްޗެއް ޔަގީންކޮށްލާ ފަދައިން އޭނާ ގޭގެ ތަންތަން ބަލަން ފެށިއެވެ. އައިޒަކް ކައިވެނިކޮށްގެން އައީ އެގެއަށް ހެއްޔެވެ؟ އަންހެނަކު އެގޭގައި އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، ވިޝްކާގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާ އުޅުނީ ސިއްރުން އެގެއަށް އަންނާށެވެ. ވިޝްކާގެ މަގުސަދަކީ، ޒަރީނާގެ ކުރިމަތީގައި އައިޒަކަށް އިންޒާރެއް ދިނުމެވެ. އެކަމަކު ކާރުގައި އިނދެފައި ޒަރީނާ މާކިންއަށް ގުޅުމުންވެސް، އޭނާ ބޭނުންވިގޮތަށް ކަންކަން ނުވާނޭކަން ވިޝްކާއަށް އޮތީ ވިސްނިފައެވެ.

"ދައްތާ... ހިނގާ އިށީންނަން..." މާކިން އެދުނެވެ.

"އައިޒަކް ކޮބާ؟..." އެތެރެއަށް ވަންނަމުން، ޒަރީނާ އަހައިލިއެވެ.

"ބޭރުގަވީ... މި ގުޅަނީ..." ފޯނު ނަގަމުން މާކިން ބުންޏެވެ.

"ދެކުދިން އެއްކޮށެއް ނޫންތަ ބޭރަށް ދަނީ؟... އެއްގޮތަކަށްވެސް އައިޒަކް ލޮލަށް ނުފެންނާތީއޭ ދައްތަ މިއައީ... ފޯނުވެސް ނުނެގޭހާ ބުރައީތަ އޮފީހުގަ؟..." ޒަރީނާ ގޮސް ސޯފާގައި އިށީނދެލިއެވެ.

"އަހަރީދުވަސް އަންނާތީ..." ޒަރީނާގެ ކައިރީގައި ދޮގެއް ހަދަން ޖެހުމުން މާކިންއަށް އުނދަގޫވިއެވެ.

ވިޝްކާ ވަރަށް ފާޑަކަށް މާކިންއަށް ބަލައިލިއެވެ. މާކިންއަށް އެތަން ފެނުމުން، އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.

"ބޯނެ އެއްޗެއް ގެންނަންތަ؟..." އެންމެންގެ ނަޒަރުން ސަލާމަތްވުމަށް މާކިން އަހައިލިއެވެ.

މާކިން ބަދިގެބަޔަށް ދިޔައީ އައިޒަކަށް ގުޅަމުންނެވެ. ފުރުސަތުގެ ބޭނުން ހިފައި، ވިޝްކާ ގޮސް ވަނީ ކޮޓަރިއަށެވެ. އަލަމާރީގެ ދޮރު ހުޅުވައިލުމާއިއެކު، ވިޝްކާގެ ދެބުމަ ގޮށްޖެހުނެވެ.

********

އައިޒަކްގެ ޖީބުގައި އޮތް ފޯނު ރިންގްވާންފެށި އަޑު އިވުމުން، އިރަމް ދިޔައީ ސިއްސައިގެންނެވެ. އޭނާ ކުއްލިއަކަށް ތެޅިގަނެފައި އައިޒަކްގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. އެއަށްފަހު، ކަބަޑުމަތިން ފުންމާލައިގެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ދެލޯ މަރާލައިގެން ހުރި އައިޒަކް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގީ، ދެވަނަ ފަހަރަށް ރިންގްވާން ފެށި އަޑު އިވުމުންނެވެ.

(ނުނިމޭ)