އައުޓް ކުރަން ޖެހޭ އެއްޗެއް ސާފުނުވާނަމަ ވެރިންގެ ރަށްރަށަށް ގޮސް މުޒާހަރާ ކުރާން ޖެހިދާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނުގައި "އައުޓް" ކުރަން ގޮވަނީ ކޮން އެއްޗެއް ކަން ސާފު ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެ.

ރ. މީދޫގައި މިއަދު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ, އިސް މަގާމުތަކަށް އައުމުގެ ޝަރުތެއްގެ ގޮތުން ހަމައެކަނި ލިޔަން ކިޔަން އެނގުން އޮތުމަކީ ދެރަކަމެއް ކަމަށެވެ.

"މިކުރާ އިހްތިޖާޖު ނުފެނި އަނދިރިކަންމަތީ އަދި ރ. މީދޫން މިއިވޭ އަޑުތައް އިވިވަޑައިނުގަތް ބީރުވެފަ ތިބީމަ އަޅުގަނޑަށް ހިތައް އަރަނީ ހަމަ މިވަރު މީހުން ރަނގަޅުބާއޭ ކުފޫ ހަމަބާއޭ އަޅުގަނޑުމެންގެ އިސް މަގާމުތަކުގައި ރައްޔިތުން ގޮވައިގެން އެއްވެސް ކަހަލަ މިސްރާބަކަށް ދަތުރުކުރަން ތިބެން," ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަންޒަރުތައް ބަލަން ސަރުކާރުގެ އިސްވެރިންނަށް ދަތިވާކަމަށް ތުހުމަތުކުރައްވައި ރައީސް ޔާމީން ވިދާޅުވީ, ނަތީޖާއެއްގެ ގޮތުން އައުޓު ކުރަން ޖެހެނީ ކޯއްޗެއްކަން ނޭންގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑުމެން އެބޭބޭފުޅުންގެ ރަށް ރަށަށް ގޮސް އައުޓް ޖެއްސެވީމަ ހަމަ ގައިމުވެސް އެ ބޭފުޅުންގެ އަހުން އުހުތުންނަށް މި އައުޓު ކުރަން ޖެހެނީ ކޯއްޗެއްކަން އެނގޭނެ," އިމްރާނަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

އައުޓު ކުރަން ޖެހޭ އެއްޗެއް އައުޓު ކުރަން ޖެހިގެން އުޅޭ ސަބަބު ތަފްސީލް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ, ރާއްޖޭގެ ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ އަސްކަރިއްޔާއަކަށް ދޭން ދިވެހިން ނޭދޭ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކޮށްފައިވަނީ އިދިކޮޅުގައި ތިބެ ވެރިކަން ބޭނުންވުމުގެ ދަހިވެތިކަމުގައިކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ, މިފަހަރު ފެނިގެން މިދަނީ އެކަމުގެ އިދިކޮޅު ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާފައި މިވަނީ ރައްޔިތުން އިތުބާރާއި އެކު ދައުލަތް ހިންގަން ހަވާލުކުރި މީހުން. އިސްވެރިން މިއުޅެނީ މިނިވަންކަން ނަގާލައިގެން," ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެން ކަމުން ރާއްޖޭގެ މިނިވަންކަން ނަގާލައި ރައްޔިތުން އަޅުވެތިކުރަން އުޅޭ ބަޔަކަށް ޣައްދާރުން ނޫން އެހެން ނަމެއް ނުކިޔާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއީ ޣައްދާރުން. އެއީ ޣައްދާރުން ކިތަންމެ ސަރުފުވެރި މަގާމުތަކެއްގައި ތިއްބެވިޔަސް. ދިވަހިރާއްޖެ މިގޮތަށް ވިއްކާލީމަ އެ ވާނީ ޣައްދާރުންނަށް," ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އިންޑިއާ ސިފައިން ބަނޑަހަޖަހައިގެން ތިބިކަމަށް ތުހުމަތުކުރައްވާ ރައީސް ޔާމީން ވިދާޅުވީ, އެކަން އެންމެ ފުރަތަމަ ސަރުކާރުން ދޮގު ކުރި ކަމަށާއި ނަމަވެސް މިހާރު ބުނަމުން ދަނީ އެމީހުން ރާއްޖެ އައިސްފައިވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"ދެން ބުނަމުން ދަނީ ސަރުކާރަކަށް ނޭންގެއޭ ހަތިޔާރު ގެނައި ކަމެއް. މިކަހަލަ އެކި ވާހަކަތައް ދައްކަމުންދަނީ," ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ތުހުމަތުކުރެއްވީ, އުތުރުތިލަފަޅަކީ ދިވެހި ސަރުކާރު ނުވަތަ ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ, އެތަނުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިންޑިއާ އަސްކަރިއްޔާގެ އަތުގައި ކަމަށެވެ.

"އަޅުގަނޑު ބުނީމަ ގަބޫލު ކުރައްވާ. މިއީ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ފުރިހަމައަށް އިންޑިއާ ސަރުކާރުގެ އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް," ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ސަރުކާރުން ހާމަ ކުރަން ބޭނުން ނުވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ, ރާއްޖޭގެ ހުރިހާ މުހިންމު ހިސާބެއްގައި އިންޑިއާ ސިފައިން ބަނޑަހަ ޖަހައިގެން އެބަ ތިބި ކަމަށެވެ.