އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުންނާއި ސާކް ސަމިޓްގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ސިފައިން އަދާކޮށްފައިވާ ޒިންމާދާރު އަދި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސިފައިންނަށް ސާކް މެޑަލް ދީފި އެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސިފައިންނަށް ސާކް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ ރަސްމިއްޔާތުގައި ރައީސް ސާކް މެޑެލް ހަވާލުކުރެއްވީ ސިފައިންގެ ކޮންމެ ރޭންކަކުން އެއް ބޭފުޅަކަށެވެ.

ސިފައިންގެ ހިދުމަތުގައި ދެމިތިބި ހުރިހާ ސިފައިންނަށް ދޭ އެ މެޑެއްޔަކީ، 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވުމަށް ސިފައިން ކުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ޓަކައި، ރަމްޒެއްގެ ގޮތުން ދީފައިވާ މެޑެއްޔެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިރަސްމިއްޔާތުގައި ސާކް މެޑަލްގެ އިތުރުން “ސިފައިންގެ ހިދުމަތުގެ މެޑަލް” އަދި އަހުލާގީ މެޑަލް” ލިބިލެއްވި ފަސް އޮފިސަރަކަށާއި، ކުލަ ލިބިލެއްވި 49 އޮފިސަރަކަށް ޝަރަފްގެ ނިޝާން ވަނީ ހަވާލުކޮށްދެއްވާފަ އެވެ. މިގޮތުން މެޑަލް ލިބިލެއްވި ފަސް އޮފިސަރުންނަށް މެޑަލް އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުހައްމަދު ނާޒިމެވެ. އަދި ކުލަ ލިބިލެއްވި އޮފިސަރުންނަށް ކުލަ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ.

ސިފައިންގެ ހިދުމަތުގައި ތަފާތު ދަރަޖަތަކާއި މަގާމުތަކުގައި އަދި ތަފާތު މައިދާންތަކުގައި ސިފައިން ހިދުމަތް ކުރަމުންދާއިރު އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެންމެ އަގުހުރި އެއްޗަކީ ޝަރަފްގެ ނިޝާން ކަމަށް ޑިފެންސް މިނިސްޓާ ނާޒިމް ވިދާޅުވި އެވެ.

މިގޮތުން ސަތާރަ ވަނަ ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރެވުނީ ސިފައިންގެ އެންމެހާ ފަރާތްތަކެއްގެ ހިއްސާ އޮވެގެން ކަމަށާއި ސާކް މެޑަލްއަކީ އެމުއްދަތުގައި ސިފައިންގެ ހިދުމަތުގައި ގާއިމުވެހުރި ކޮންމެ މީހަކަށް ވެސް ހައްގު އެއްޗެއް ކަމަށް އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހުން ލަފާދެއްވުމާ ގުޅިގެން އެ މެޑަލް ސިފައިންގެ ހިދުމަތުގައި ތިބި އެންމެންނަށް ދޭގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ މެޑަލް ހުރިހާ ސިފައިންނާ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.