11 Feb 2022, 19:03
އުތުރުތިލަފަޅަކީ ނުރައްކަލުން ފުރިގެންވާ ތަނެއް ކަމަށާއި އެއީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއްކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރ. މީދޫގައި އިންޑިއާ އައުޓް ހަރަކާތުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުގައި، މަދުވެގެން ފަސް ސަރަހައްދެެއްގައި ބަނޑަހަ ޖަހައިގެން އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.
"ސަރުކާރުން ބުނަމުންދިޔައީ އިންޑިއާ ސިފައިންނެއް ނެތޭ. ދެން ފަހުން ބުނަމުންދިޔައީ ބަޔަކު އެބަތިއްބޭ އެކަމަކު އެ އައީ ތިމަންނާމެންނަށް އެކިކަހަލަ ފަންނީ އެހީތެރިކަން ފޯރުކޮށްދޭށޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅަކީ ސިފައިންގެ މަރުކަޒެއް ނޫން ކަމަށާއި އެއީ މިއަދު ދިވެހި ސިފައިންގެ ބާރު ހިނގާތަނެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތުގެ ބާރު ހިނގާ ވެސް ތަނެއް ނޫން ކަމަށާއި އެއީ ފުރިހަމައަށް އިންޑިއާގެ ބާރުގެ ދަށުގައި އޮތްތަނެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ އެންމެ ކައިރިން ދިވެހީން މި ނުރައްކާ އިހުސާސް ކުރާ ހިސާބު ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މިހާތަނަށް ސަރުކާރުގެ އިސްފަރާތަކުން އިސް މުއައްސަސާތަކުގެ އިސް މީހުން ބުނަމުން މިދަނީ އުތުރުތިލަފަޅު އެގްރީމަންޓަކީ ތިމަންނަމެން އެދިގެން ތިމަންނަމެންނަށް ކޮށްދިން ކަމެކޭ. ނޫން. ބޮޑުތަނުން އެހަދަނީ ދޮގު،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އުތުރުތިލަފަޅަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ސިފައިން ބިނާކުރަމުން އައިތަނެއް ކަމަށެވެ. އަދި އެއީ ދިވެހިސިފައިންގެ މަރުކަޒަކަށް ހަދަން ބިނާކުރަމުން އައި ތަނެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މިއަދު ދިވެހި ސިފައިންނަށް އެތަން ހިންގައިދިނުމުގެ ނަމުގައި، ނުވަތަ އެތަނަށް ބޭނުންވާ ވަސީލަތް ގާއިމުކޮށްދިނުމުގެ ނަމުގައި އައިސް އެތިބީ އިންޑިއާގެ އަަސްކަރިއްޔާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާއިން އެތަން އިމާރާތްކޮށްދެނީއެއް ނޫނެވެ. އަދި އުތުރުތިލަފަޅުގެ އެގްރީމަންޓުގައި އޮތް ގޮތުން އެތަން އިމާރާތްކޮށް، މެނޭޖްކޮށް އަދި އެޑްމިނިސްޓާ ކުރާނީ ވެސް އިންޑިއާ އަސްކަރިއްޔާއިން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"އަދި މިތަނަށް އަންނަ އިންޑިއާގެ އެއްވެސް ސިފައިންގެ އޮފިސަރަކަށް ވަކި ރޭންކަކަށް ވަކި އަދަދަކަށް ދިވެހި ސަރުކާރަށް އެއްވެސް ގޮތަކަށް ހުރަސް އެޅުމުގެ އިހުތިޔާރެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އުތުރުތިލަފަޅު ތަރައްގީކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާއެކު ހަދައިފައިވާ އެއްބަސްވުމުގައި ތިންވަނަ ފަރާތަކަަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށް ލިޔެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ އެއްބަސްވުން މަޖިލީހަށް ނުދައްކަން އުޅޭ ސަބަބަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.