މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރު ދުވަހަށް ޖަލަށް ލާން ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެމީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ލަންކާގެ ނޫސްތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ޖަލަށް ލާން ހުކުމް ކުރީ ކޮލަމްބޯ ހައިކޯޓުން މިއަދުއެވެ.

އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައިގައެވެ. އޭނާ ހައްޔަރުކުރީ ބަމްބަލަޕިޓިޔާއިން 2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އޭނާއާއެކު އެހެން މީހަކު ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލައިފައި ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.